ޖަޕާނުން ރާއްޖޭގެ ދަރިވަރުންނަށް ހާއްސަކޮށް ދިން ސްކޮލާޝިޕްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖެއަށް ޖަޕާނުން ދިން 1.2 މިލިއަން ރުފިޔާގެ އަގުހުރި 24 ސްކޮލާޝިޕްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ރާއްޖޭގެ ފަރާތުން ސްކޮލާޝިޕްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަންއެވެ. އަދި ޖަޕާނުން ސޮއިކުރެއްވީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) ގެ ރާއްޖެ އޮފީހުގެ ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސާކީއެވެ.

އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް 4 އަހަރު، ކޮންމެ އަހަރަކު ދިވެހި 6 ދަރިވަރަކަށް ޖަޕާނުގައި މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 24 ދަރިވަރަކަށް ޖަޕާނުގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން މާސްޓަރސް ޑިގްރީއިން ސޯސަލް ސައިންސްގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ޖަޕާނުގެ ސަރުކާރުން ވިދާޅުވެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޖަޕާނުން ސަރުކާރުން ފުލީ ފަންޑެޑް 24 ސްކޮލަރޝިޕް ދީފައިވާއިރު، މި ޕްރޮޖެކްޓަށް 128 މިލިއަން ޖަޕަނީސް ޔެން ނުވަތަ 1.2 މިލިއަން ރުފިޔާ ޚަރަދުވެއެވެ.

ޖަޕާނުން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ޔުނިސެފް މެދުވެރިކޮށް 356،400 އެމެރިކާ ޑޮލަރުގެ އެހީއަކާއި، ރެޑްކްރެސެންޓް މެދުވެރިކޮށް 185،000 އެމެރިކާ ޑޮލަރުގެ އެހީއެއްގެ އިތުރުން ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއްވެސް ޖަޕާނުން ފޯރުކޮށްދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ