އެމެރިކާގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިއްމަވާފައިވާ، ބޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އޭނަގެ ކެމްޕެއިންނަށް ގާތްގަނޑަކަށް 6 މިލިއަން ޑޮލަރު ހޭދަކޮށްފައިވާކަން ހާމަވެއްޖެއެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވާދަކުރައްވާ ކާންޔޭ އިންތިހާބުގެ ކެމްޕެއިން ފައްޓާފައިވާއިރު، 6.7 މިލިއަން ޑޮލަރަށް ވުރެ ގިނައިން އޭނަގެ ކެމްޕެއިންއަށް ފަންޑްކޮށްފައިވާކަމަށް ބޭރުގެ ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ފެޑެރަލް އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ރިޕޯޓުތަކުން ދައްކާގޮތުގައި، މިހާތަނަށް 5.6 މިލިއަން ޑޮލަރު ކާންޔޭގެ ރައީސް ކެމްޕޭނަށް ހޭދަކޮށްފައިވެއެވެ.
ކާންޔޭ އެމެރިކާގެ ރައީސްކަމަށް ކުރިމަތިލާން ނިއްމާފައިވާއިރު، ގިނަ ބަޔަކު އަންނަނީ އޭނާ މިކަމަށް އަދި ތައްޔާރު ނޫންކަމަށް ބުނަމުންނެވެ،
ކާންޔޭ ރައީސްކަމަށް ކުރިމަތިލާން ނިއްމިފަހުން، އޭނަގެ އަންހެނުން އަދި މަޝްހޫރު ސެލެބްރިޓި ކިމް ކާޑޭޝިއަން ވަރިކުރަން އުޅޭކަމަށް ބުނެ އަމިއްލައަށް ޓްވީޓްތަކެއްވެސް ކޮށްފައިވެއެވެ.
ނަމަވެސް ކިމް ފަހުން ބުނެފައިވަނީ، ކާންޔޭ އަކީ ބައިޕޯލާ ޑިސްއޯޑަރ ހުންނަ މީހެއްކަމަށާއި، އަދި އެ ދެއްކި ވާހަކަތަކަކީ، އެއްގޮތަކަށްވެސް އޭނާ ބޭނުންވެގެން ދެއްކި ވާހަކަތަކެއް ނޫންކަމަށެވެ.




