ގދ. ރަތަފަންދޫ ފިހާރައަކުން ވަގަށް ނަގައިފައިވާ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދާ 4 މީހުން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދާދި ދެންމެ ވިދާޅުވީ، މިމަހުގެ 24 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ރަތަފަންދޫ ފިހާރައެއް ފަޅާލައިގެން ވަގަށް ނަގާފައިވާ 20000ރ އާއި 412 ޔޫއެސް ޑޮލަރުގެ އިތުރުން 10 ޕައުންޑް އަދި 2 ކާޓޫން ސިނގިރެޓް ފުލުހުން ހޯދާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަޙްޤީޤަށް ހަތަރު މީހުން ފުލުހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ތިން ފިރިހެނުންނާއި ކުޑަ ކުއްޖެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ތިން ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ގދ.ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ރަތަފަންދޫގައި ބޮޑު ވައްކަމެއް ހިނގާފައިވާއިރު، ރަމަޟާން މަހު ރާއްޖޭގެ ކަންކޮޅުތަކުގައި ވައްކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.



