ވައިކަރަދޫ ކަނޑޫފާ މިހާރުގެ ހާލަތު - ފޮޓޯ: ޙުސައިން ޝަޤީފް

ވައިކަރަދޫ ކަނޑޫފާވެސް ނެތި ހިނގައިދާނެ ކަމުގެ ބިރު

ރާއްޖޭގެ އެކި ރަށްރަށުގެ ކަނޑޫފާތަކުގައި ހެދިފައިވާ ގަސްތައް މަރުވެ، ކަނޑޫފާތަކަށް ބޮޑެތި މައްސަލަތައް ދިމާވާ އަޑުތައް ވަނީ އަޅުގަނޑުމެންނަށް އިވިފައެވެ.

އެގޮތުން އެންމެ މަޝްހޫރު ވެފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ނޭކުންދޫ އާއި ތިލަދުންމަތީ އުތުރުބުރީ ކެލާގެ ކަނޑޫފާއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ވާހަކަ ތަކެވެ. މިކަންތައްތައް ސަރުކާރުގެ ސަމާލުކަމަށް އައިސް ޚާއްސަ ޓީމްތަކުން ވަނީ އެ ކަނޑޫފާތަކަށް ދިމާވި މައްސަލަތައް ބަލާފައެވެ.

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކަނޑޫފަލަށް ވެސް މި ވަނީ މިފަދަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. ކަނޑޫ ފަލުގެ ބޮޑެތި ގަސްތައް މަރުވެ ކަނޑޫފާ މެދުން ވަނީ ބޮޑު ސަރަހައްދެއް ހުސްވެފައެވެ.

މި މައްސަލަ ގިނަ ބައެއްގެ ސަމާލުކަމަށް އައިސް ސޯޝަލް މީޑިއާގައި ވަނީ ވައިކަރަދޫ ކަނޑޫފަލުގެ މިހާރުގެ ހާލަތު ދައްކުވައިދޭ ފޮޓޯ ތަކަކާއި އެރަށުގެ ގިނަ ރައްޔިތުންގެ ޝުޢޫރުތައް ބަންޑުން ކޮށްފައެވެ.

އެގޮތުން ޙުސައިން ނުވާސް މީސް މީޑިއާގައި ލިޔެފައިވާ ގޮތުގައި އާންމު ގޮތެއްގައި އޭނާ ކަނޑޫފަލަށް ދަނީ ތަނުގެ ފެހިކަމާއި ތާޒާ ކަމުން ހިތްހަމަޖެހުން ހޯދުމަށްކަމަށާއި ހަމަ މި ބީދާއިން ދުވަސްކޮޅަކަށް ފަހު, މިއަދުވެސް ހިނިތުންވެހުރެ ފޮނި އުންމީދާއެކު ހިތަށް ތާޒާކަމާއި ފިނިކަން ހޯދުމަށް ޓަކައި ކަނޑޫފަލަށް ދިޔަކަމަށެވެ.

ނަމަވެސް، އަދު ވެގެން ދިޔައީ އަނދިރި ދުވަހަކަށްކަމަށް ބުނެ ނަވީސް ބުނެފައިވަނީ ފެހިފެހި ނަލަނަލަ ވައިކަރަދޫ ކަނޑޫފާގެ ބޮޑު ބައެއް އޮތީ މަރުވެފައިކަމަށާއި ގަސްތަކުގެ ފެހިކަން ހުރީ މުށި ކުލައާ ކަޅު ކުލަޔަށް ބަދަލުވެފައިކަމަށެވެ. "ޗާލު ޗަކަ ބިން އޮތީ ހިކި ފަތްތަކުން ފުރި ބަރާ ވެފަ. އަދު ހޮވާކަށް ކަނޑުލެއް ނެތް. މިއީ ހިތަށް ކުޅަދާނަވާވަރަށް ވުރެ ވެސް ހިތާމަ ހުރި ކަމެއް." ނުވާސް ބުނެފައިވެއެވެ.

ނުވާސް އިތުރަށް ބުނެފައިވަނީ މިއީ ވިސްނާ ފިކުރު ކުރަން ޖެހޭ ބޮޑު ކަމެއް ކަމަށާއި ހަލާކުވަމުން އެދަނީ އަހަރުމެން އެ ތަނަކާމެދު  ފަހުރުވެރިވާ ކަނޑޫފާކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މި ކަން ގެނައުމަކީ އަހަރުމެންގެ ޒިންމާއެއްކަމުގައި ނަވީސް ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ ކަނޑޫފާތަކަށް މިފަދަ ބޮޑެތި މައްސަލަތައް ކުރިމަތި ވަމުންދާއިރު ވައިކަރަދޫ ކަނޑޫފަލަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭ ގޮތުން އެރަށު ކައުންސިލްގެ ރައީސް އަހްމަދު ނަޞީމް މި ނޫހަށް ވިދާޅުވީ ކަނޑޫފަލަށް ދިމާވެފައިމިވާ މައްސަލަތަކައި ގުޅިގެން ކައުންސިލްގެ ފަރާތުން މިއަދު ވަނީ ރަސްމީކޮށް ކަނޑޫފަލަށް ޒިޔާރާތްކޮށް ދިރާސާތަކެއް ކޮށް ސާމްޕަލްތަކެއްވެސް ނަގާފައި ކަމަށެވެ.

ނަޞީމް ވިދާޅުވީ މިފަދަ މަންޒަރެއް މީގެ ކުރިން ދުވަހަކުވެސް ކަނޑޫފަލުން ފެނިފައި ނުވާކަމަށާއި، މިއީ މުޅިން އަލަށް އެރަށު ކަނޑޫފަލަށް ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ. އެގޮތުން ކައުންސިލްގެ ފަރާތުން ކަނޑޫފަލަށް ޒިޔާރާތްކުރި ޓީމަށް ފާހަގަ ވީ މަރުވެފައިވާ ސަރަހައްދުތަކުގެ ފެންގަނޑު ވަރަށް ބޮޑަށް ހިކިފައިވާތަން ކަމަށެވެ. އަދި އެ ސަރަހައްދުތަކުގެ ކުދި ގަސްތައް އުފުރާ ބެލި ބެލުމުން އެގަސްތަކުގެ މޫތައްވެސް ވަނީ މަރުވެފައި ކަމަށް ނަޞީމް ވިދަޅުވިއެވެ.

ނަޞީމް ވިދާޅުވީ މި މައްސަލަ ދިމާވެ އެ ރަށު ކަނޑޫފަލުގެ ތިންބައި ކޮށްފައި އެއް ބައި މިހާރު ވަނީ އެއްކޮށް މަރުވެފައި ކަމަށާއި، މިކަމާއި ގުޅިގެން ސަރުކާރުގެ ސަމާލުކަމަށްވެސް މިކަން ގެނެސްފައިވާކަމަށެވެ.

މީގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީން އަންނަނީ މި ކަންތައްތައް ދިރާސާ ކުރުމަށްޓަކައި ވައިކަރަދޫ އިން ޓީމެއް ޓްރެއިނިންގ ކުރުމުގެ މަސައްކަތްތައް ކުރަމުން ކަމުގައިވެސް ނަޞީމް ވިދާޅުވިއެވެ.

ކަނޑުލަކީ މީގެ ކުރިން ވައިކަރަދޫގެ ރައްޔިތުން ބަނޑު ކެއުމެއްގެ ގޮތުގައި ބޭނުން ކުރަމުންއައި އެއްޗެކެވެ. ނަމަވެސް މި ފަހަކަށް އައި ކަނޑޫ ވެފައި ވަނީ ޚާއްސަ ކެއުމަކަށް ކަމުގައި ނަޞީމް ވިދާޅުވިއެވެ.

ކޮވިޑް ހާލަތާއި ގުޅިގެން ވެސް އެ ރަށުގެ ގިނަ ބަޔަކު ވަނީ ކަނޑޫ ކެއުމަށް ބޭނުން ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ