އޮގަސްޓްމަހު ޖެންޑަރ މިނިސްޓްރީއަށް 184 މައްސަލަ ރިޕޯޓްކޮށްފައިވޭ

ފާއިތުވި އޮގަސްޓް މަހުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 184 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެގޮތުން އެ މިނިސްޓްރީ އަށް ރިޕޯޓްކޮށްފައިވާ މައްސަލަ ތަކަށް ބަލާލާއިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 103 މައްސަލަ ހުށައެޅިފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައްކަމަށާއި އެ ގޮތުން މި ބާވަތުގެ 36 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 24 މައްސަލައާއި ޖިސްމާނީ ހާނިއްކައިގެ 20 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ 8 މައްސަލައާއި، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލައިގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 3 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 28 މައްސަލަ އޯގަސްޓު މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 10 މައްސަލައަކާއި ޖިސްމާނީ އަނިޔާކުރުމުގެ 10 މައްސަލައެވެ.

މީގެ އިތުރުން ރޭޕްކުރުމާ ގުޅޭ 3 މައްސަލައަކާއި ޖިންސީ ހާނިއްކަކުރުމުގެ 2 މައްސަލައާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލައިގެ އިތުރުން މާލީ/ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ އަދި އިހުމާލުވުމުގެ 1 މައްސަލަ ހިމެނެއެވެ.

ޢާއިލީ މައްސަލަތަކަށް ބަލާލާއިރު އޮގަސްޓް މަހުގެ ތެރޭގައި ޢާއިލީ 16 މައްސަލަ ވަނީ އެ މިނިސްޓްރީއަށް ހުށައެޅިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 10 މައްސަލައާއި، ކުދިން ބެލުމުގައި ޖެހޭ 5 މައްސަލައާއި އަދި ދަރިންނަށް ޚަރަދު ދިނުމުގައި ދިމާވާ 1 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ އޯގަސްޓު މަހު މިނިސްޓްރީއަށް ހުށައެޅިފައިވެއެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 10 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 3 މައްސަލައެކެވެ.

މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 9 މައްސަލަ އޯގަސްޓު މަހު ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

އަޚްލާޤީ މައްސަލަތައްކަށް ބަލާލާއިރު، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 9 މައްސަލައެއް ވަނީ ހުށައެޅިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ 3 މައްސަލައާއި އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ 3 މައްސަލަ ހިމެނެއެވެ.

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 4 މައްސަލަ އޯގަސްޓު މަހު ހުށައެޅިފައިވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ވައްކަންކުރުމާ ގުޅޭ 1 މައްސަލައާއި އަދި މާރާމާރީ ހިންގުމުގެ 1 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 2 މައްސަލަ އޯގަސްޓު މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އައިޑީ ކާޑު/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާ ގުޅޭ 1 މައްސަލަ އަކާއި ތަޢުލީމަށް ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ