ނައިޖީރިއާގައި ތެޔޮ ޓޭންކަރަކާއި އަދި އެހެން އުޅަނދަކާއި ޖެހި ހިނގި އެކްސިޑެންޓެއްގައި ތެޔޮ ޓޭންކަރު ގޮވައި 25 މީހުން މަރުވެއްޖެއެވެ.
ނައިޖީރިއާގެ ލޮކޮޖާ ސިޓީގެ ހައިވޭއެއްގައި މިއަދު ހެނދުނު ހިނގި މިހާދިސާގައި މަރުވި މީހުންގެ ތެރޭ ސްކޫލް ކުދިންވެސް ހިމެނޭ ކަމަށް ބޭރުގެ މީޑިއާތަކުން މައުލޫމާތު ދެއެވެ.
ނައިޖީރިއާގެ ފުލުހުން ބުނެފައިވަނީ މިހާދިސާ ހިނގަން މެދުވެރިވީ ތެޔޮ ޓޭންކަރު ދުއްވަން ހުރި މީހާއަށް އެ ވެހިކަލް ކޮންޓުރޯލް ނުކުރެވުމުގެ ސަބަބުން ކަމަށެވެ. އަދި މިގޮތައް ދިމާވީ ވެހިކަލްގެ ބުރެކް މަސައްކަތް ނުކުރުމުން ކަމަށެވެ.
ލޮކޮޖާ ސިޓީގެ ފުލުހުންގެ ތަރުޖަމާނަކު ބީބީސީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިހާދިސާގައި މަރުވި މީހުން ކާކުކަން ނޭންގޭ މިންވަރަށް ފިހިފައިވާ ކަމަށެވެ. މީގެތެރޭގައި ޕުރައިމަރީ ގުރޭޑްތަކުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންވެސް ހިމެނޭ ކަމަށެވެ.
ނައިޖީރިއާގައި މީގެ ހާދިސާތައް މީގެކުރިންވެސްވަނީ ހިނގާފައެވެ. މިގޮތުން މިއަހަރުގެ ޖޫންމަހުގެ ތެރޭ ހިނގި މިފަދަ ހާދިސާއެއްގައި ހަތަރު މީހަކުވަނީ މަރުވެފައެވެ. އެފަހަރު ދެ ތެޔޮ ޓޭންކަރެއް ޖެހި އެ ދެ ތެޔޮ ޓޭންކަރުގައިވެސްވަނީ އަލިފާން ހިފާފައެވެ.



