ހދ. ކުޅުދުއްފުށި ގެއަކުން ވައްކަން ކުރާ ވިޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެއްޖެއެވެ.
ވައްކަން ކުރަން ވަދެފައިވަނީ "ލޭޒާ" ގެޔަށެވެ. މިއަދު ފޭސްބުކްގައި އަބްދުލް މުހައިމިން ނަމަކަށް ކިޔާ މީހެއްގެ އައިޑީއިން މިވީޑިއޯ ހިއްސާކުރަމުން ލިޔެފައިވަނީ، “ހުކުމެއް ކުރެވި މުޖުތަމައުން އެކަހެރި ކުރެވޭ ވަރުގެ ހެއްކަކަށް ފުދޭނެބާދޯ” އެވެ.
ހިއްސާކޮށްފައިވާ މި ވީޑިއޯއިން ފެންނަނީ ފިރިހެނަކު ގެއަކަށް ވަދެ ވައްކަން ކުރަން މަސައްކަތް ކުރާ މަންޒަރެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ގެއަށް ވަދެ ފޯނެއް ހިފައިގެން ނިކުންނަތަން ފެނެއެވެ. ނަމަވެސް އަލުން އެ ފޯން ބާއްވަން މި މީހާ ވަދެއެވެ.
Posted by Abdul Muhaimin on Sunday, 27 September 2020
ވައްކަން ކުރި ގޭގެ އަލީ އިބްރާހިމް މި ނޫހަށް މައުލުމާތު ދެއްވަމުން ވިދާޅުވީ، ވައްކަން ކުރަން ވަދެފައިވަނީ އިއްޔެ ހަވީރު ކަމަށާއި ނަމާދަށް ދާން ފެންވަރަށް ވަތް ވަގުތު ކަމަށެވެ. އެވަގުތު ގޭގައި ދެ މީހުން އުޅޭނެ ކަމަށާއި އަދި ގޭގެ މީހަކު ކައިރި އަވައްޓެރިއެއްގެ ގެޔަށް ދިޔަ ވަގުތު ކަމަށެވެ.
ފުރަތަމަ ފަހަރު ވައްކަން ކުރަން ވަންނަމުން ސަލާމް ގޮވުމަށްފަހު ވަދެފައި ގޭގައި އޮތް ފޯނެއް ނަގައިގެން ނިކުންނަން އުޅެނިކޮށް ކެމެރާ ފެނުމުން އަލުން އައިސް ފޯނު ބޭއްވީކަމަށް އަލީ އިބްރާހިމް ވިދާޅުވިއެވެ. އަދި ގޭން ނިކުންނަނިކޮށް ގޭގެ މީހަކާއި ދިމާވުމުން ކާށި ގަންނާނަންތޯ ސުވާލުކުރިކަމަށް ވިދާޅުވިއެވެ.
އަލީ އިބްރާހިމް އިތުރަށް ވިދާޅުވީ، ޖެެހިގެން ހުރި ގެޔަށް ވެސް އެމީހާ ވަންނަން އުޅުނު ކަމަށާއި އެގެޔަށް ވެސް ވަނީ ކާށި ވިއްކަން ކަމަށް ބުނެ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މިވައްކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ. މިފަހަކަށް އައިސް ވައްކަންކުރާ ފަރާތްތަކުގެ ވީޑިއޯ އާންމުކުރުންވަނީ އާންމުވެފައެވެ.





ހިޔާލު
ތި ޒުވާނެއް ނޫން އާންމުކޮށް މި ރަށުގަ ވައްކަން ކޮށްއުޅޭ ވަގެއް ހަމަ ތިޔަކީ… ޕޮލިހުންނަށް އަދަބެއް ދެވިފަ ނުވާ މީހެއް.