އދ. ޖުޑީޝަލް ދާއިރާއަށް އިސްމެޖިސްޓްރޭޓަކު ހޯދަން އިޢުލާންކޮށްފިއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، މި މަޤާމަކީ އދ.ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއްކަމަށެވެ.
އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ބޭނުންވެގެން އިޢުލާންކޮށްފައިވާ މިމަޤާމުގެ އަސާސީ މުސާރައަކީ 23,150.00ރުފިޔާ އެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 4,000.00 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 800.00 ރުފިޔާ ލިބޭނެކަމަށްވެސް މިއިޢުލާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން ހެލްތު އިންޝިއުރެންސްވެސް ލިބޭނެކަމަށާއި، މާލެ ފިޔަވައި އަމިއްލަރަށް ނޫން އެހެންރަށެއްގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައި އޮންނަ އެލަވަންސް ލިބޭނެކަމަށްވެސް އިޢުލާނުގައި ވެއެވެ.
މި މަގާމަށް ކުރިމަތިލައްވާ ފަރާތަކީ އދ. ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސް މެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަޤާމު އަދާކުރަމުން ގެންދާ ފަރާތަކަށްވުން ޝަރުތުކޮށްފައިވާއިރު، އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް ޝައުޤުވެރިވާނަމަ، 06 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން އެކަން ކޮމިޝަންގެ ރަސްމީ އީމެއިލް ([email protected]) ފޮނުވުމުން ކޮމިޝަނަށް ބަލައި ގަންނާނެކަމުގައިވެސް އިޢުލާނުގައިވެއެވެ.
މީގެއިތުރުން ގދ. ޖުޑީޝަލް ދާއިރާއާ، ގއ. ޖުޑީޝަލް ދާއިރާއާ، ވ. ޖުޑީޝަލް ދާއިރާއާ، ބ. ޖުޑީޝަލް ދާއިރާއާ، ނ. ޖުޑީޝަލް ދާއިރާއާ، ށ. ޖުޑީޝަލް ދާއިރާއާ، ހދ. ޖުޑީޝަލް ދާއިރާ އަދި ހއ. ޖުޑީޝަލް ދާއިރާ ގެ އިސް މެޖިސްޓްރޭޓު ކަމަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ޖޭއެސްސީއިންވަނީ ހުޅުވާލާފައެވެ.
އަދި ޖޭއެސްސީން ވަނީ މިއަދު ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމާއި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.




