އެއްވެސް މީހަކަށް އަނިޔާވެރިނުވެ، ރައްޔިތުންގެ ހައްގުތައް ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
2015 ވަނަ އަހަރުގެ "މޭ ޑޭ" ގެ ހަނދާންތައް އާކުރައްވަމުން މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2015 ގެ މޭ ޑޭ ގައި އެތައް ބައިވަރު ރައްޔިތުންނާއެކު މަގުމައްޗަށް ނިކުމެ އަޅުގަނޑުމެން ދެއްކީ ރައްޔިތުންގެ މުއްސަނދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުންކުރަމުން ދިޔަވާހަކަ ކަމަށެވެ.
"މިއަދު އެކަމުގަ ޝާމިލުވި ފަރާތްތަކުގެ އިއުތިރާފާއެކު ޝަރީއަތައް އެކަންތައް އެދަނީ ޗާބިތުވަމުން" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، އެދުވަހުގެ ހާލަތާ މިއަދުގެ ހާލަތު ވަޒަން ކޮށްލީމަ ހިތައް އަރަނީ ﷲ ގެ ކުޅަދުންވަންތަކަން ކަމަށާއި އޭރުވެސް އަދި މިހާރުވެސް މި ދަންނަވަނީ އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވެފައިވާއިރު ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާވެސް ސާބިތުވާކަމަށް ނިންމައި އަދީބު 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލާން ޚުކުމް ކޮށްފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. މީގެ އިތުރުން އަދީބު ވަނީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.
އަދީބުގެ މައްޗަށް ދަޢުލަތުން ކުރި 7 ދައުވާއަކީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.