އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު 2020 އޮކްޓޫބަރު 7 ވަނަ ދުވަހުގެ 14:00 އާހަމަށްވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ޖެއްސެވުމަށްފަހު ޕޮލިސް މީޑިއާ މެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މިހަރަކާތުގައި އާންމު ރައްޔިތުންނަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްހަމަޖެހިފައިވަނީ މެއިލް ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ދޫނިދޫގައެވެ.
ޚަބަރު: މޯލްޑިވްސް ޕޮލިސް ސަރވިސް.



