ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 36 މިލިއަނަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 36,096,809 އެވެ. އަދި މިބަލީގައި 1,055,636 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ، 27,178,231 މީހުންނެވެ.
މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 7,724,207 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު، 215,849 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮސިޓިވް ވެފައިވަނީ އަވައްޓެރި އިންޑިޔާ އިންނެވެ. އެޤައުމުން މިހާތަނަށް 6,757,131 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 104,591 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ތިންވަނައަށް އެންމެ ގިނަ ބައްޔަށް ޕޮސިޓިވް ވެފައިވަނީ ބްރެޒިލްއިންނެވެ. އެޤައުމުން މިހާތަނަށް 4,970,953 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 147,571 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި، މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވި އެމެރިކާ އާއި ބްރެޒިލްގެ އިތުރުން ރަޝިޔާ އާއި އަވައްޓެރި އިންޑިއާ އަދި މެކްސިކޯ ހިމެނެއެވެ.




