ނަޝާއާ ސަލާމްކުރި ވަގުތު އާރިމް އެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ހީވަނީ ފަހު ފަހަރަށް ބަލާލިހެންނެވެ. އަދި ދެން ދުވަހަކުވެސް ނުފެނިދާނެތީ އެ މޫނުގައި ހުރި ހުރިހާ ސިފައެއް ސިކުނޑީގައި ރައްކާކޮށްލިހެންނެވެ. އެމީހުން ކިތަންމެ ވަރަކަށް އަދި އަންނަން ބުނި ނަމަވެސް އޭނާ ރާވާފައި އޮތް ގޮތް އެކަކަށްވެސް ނޭނގޭނެއެވެ. ނަމަވެސް ތަޤުދީރުގައި ރޭވިފައި ވަނީ ކޮންގޮތަކަށްކަމެއް އާރިމްއަކަށްވެސް ނޭނގެއެވެ.
އާރިމް ފުރުވަން ނާންނާށޭ ޔާސީން ކައިރީ ބުނި ނަމަވެސް ފަތިހު ފަސްގަޑި ބައިވީއިރު އޭނާ ހުރީ އާރިމްގެ ކޮޓަރި ދޮރުމަތީގައެވެ. ޔާސީން ދޮރުގައި ޓަކި ޖަހާލުމާއެކު މާގިނަ އިރެއް ނުވެ އާރިމް އެތެރެއިން ދޮރު ހުޅުވާލިއެވެ. އޭރު އާރިމްގެ ލޯ ހުރި ގޮތް ފެނުމުން ރޭގައި އޭނާ އެއްވެސް ވަރަކަށް ނުނިދާކަން ޔާސީންއަށް ވަގުތުން ދެނެގަންނަން އެނގުނެވެ.
"އަހަރެން ނާންނާށޭ ބުނީމަވެސް ތިއައީތަ؟ ނަޝާ ހީކުރާނީ ކީކޭ؟ ތިއީ ކޮންކަހަލަ ފިރިއެއްތަ؟ ސުހާގުރާތުގަވެސް އެއައީ." ޔާސީން ފެނުމާއެކު އާރިމް ވާހަކަތައް އަމުނާލިއެވެ. އޭނާގެ އަޑުގައި ސަމާސާ ރާގެއް އެކުލެވިފައިހުއްޓެވެ.
ދޮރުހުޅުވާފައި އާރިމް އެނބުރި ގޮސް އޭނާ ކުރަން ހުރި މަސައްކަތް އަލުން ފެށިއެވެ. އޭރު އެނދުމަތީގައި ބަހައްޓާފައި ހުރި ދަބަސް ކައިރީގައި ދެތިން ޓީޝާޓް އޮތެވެ. އާރިމް ހިނގައިގަތުމާއެކު ޔާސީންވެސް ފަހަތުން އެތެރެއަށް ވަނެވެ.
"ކީއްކުރަން އެހާ އަގު ބޮޑު ހަދިޔާއެއް ދިނީ؟ އާރިމް މިރަށަށް އައިސް އަހަރެމެންގެ އުފަލުގައި ބައިވެރިވިކަންވެސް އެއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ހަދިޔާއެއް." އާރިމް ކުރި ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި ޔާސީންވެސް ކޮށްލީ ސުވާލެކެވެ.
"ތިދެން މިހާރު އަހަރެން މާ ދުރުކޮށްލީ އިނގޭ." ހުރިގޮތަށް ހުރެ ފާޑަކަށް ހިނގަނޑެއް ޖަހާލާފައި އާރިމް ބުންޏެވެ.
"ނޫނޭ އެހެނެއް ނޫން..... ރޭގަ ނުނިދާ ކީއްކުރީ؟ ލޮލުންނާ މޫނުން އެބަ އިނގޭ ތިހުރީ ނުނިދާކަން." ޔާސީންގެ އެ ސުވާލު އަޑުއިވުމާއެކު އާރިމް ކުރަން ހުރި މަސައްކަތަށް ކުޑަކޮށް ހުއްޓުމެއް އަޔެވެ. ނަމަވެސް އަވަސްއަވަހަށް ހަމަޔަކަށް އެޅިލާފައި ދޭނެ ޖަވާބަކާއިމެދު ވިސްނާލިއެވެ.
"ފިލްމެއް ބަލާލަން އޮތީ." އެވަގުތު ސިކުނޑިއަށް ފުރަތަމަ އައި ޖަވާބު އާރިމް ބުންޏެވެ. ރޭގައި ނުނިދުނީ ޔާސީންގެ އަންހެނުންގެ ޚިޔާލުކުރެވޭތީއޭ އޭނާ ބުނާނީ ކޮން ދުލަކުންހެއްޔެވެ؟
"ހިނގާ އަވަހަށް ދާން. ނަޝާވެސް އެބަހުރި ބޭރުގަ." ޔާސީން ދެން ބުނެލި އެއްޗަކުން އާރިމްގެ ހިތް ކުއްލިއަކަށް ބާރުބާރަށް ތެޅިގަތެވެ. ރޭގައި އޭނާ އެ ކައިވެނި ޙަފްލާއިން ނުކުމެގެން އައީ ވަރަށް ހިތްވަރުކޮށްފައެވެ. ހިތަށް އެތައް ގޮތަކުން ވިސްނައިދީފައެވެ. ނަޝާއަކީ މިހާރު އެހެން މީހެއްގެ ޙައްޤެއްކަމެވެ. ނަޝާ ލޯބިވަނީ ޔާސީންދެކެކަމެވެ.
ނަޝާގެ މޫނު ފެންނަ ކޮންމެ ފަހަރަކު އެ ރީތި މޫނުގައި އޭނާ ލޯބިން ފިރުމާލާ ހިތްވެޔެވެ. އަދި އެ ކަންފަތްކައިރީގައި ލޯބިވާ ވާހަކަ ތަކުރާރުކޮށް އެތައް ފަހަރަކު ބުނެލާހިތްވެޔެވެ. ނަމަވެސް އޭނާ ހިތުގެ ގޮވުންތަކަށް އަޑުލަމުން ރޭގައި ނުކުމެގެން އައީ ދެން އެމީހުންގެ ކުރިމައްޗަށް ނައުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ. ފަހަރެއްގާވެސް އޭނާއަށް ގޯހެއް ހެދިދާނެތީއެވެ. ނުބުނަން ހިތުގައި ފޮރުވާފައި ހުރި ވާހަކަތައް ނޭނގި ނަމަވެސް ދުލުން ބޭރުކުރެވިދާނެތީއެވެ.
އާރިމް ދަބަހަށް އެއްޗެހި އަޅާ ނިމުމާއެކު ދެމީހުން އެއްކޮށް ކޮޓަރިން ނުކުތެވެ. އަދި ގެސްޓް ހައުސްގެ ކައުންޓަރުގައި އިން ކުއްޖާ އަތަށް ކޮޓަރީގެ ތަޅުދަނޑި ހަވާލުކޮށްފައި ކޮޓަރިއަށްވާ ފައިސާގެ ކަންތައް ނިންމާލިއެވެ. އެއަށްފަހު ގެސްޓް ހައުސްއިން ނުކުތެވެ. އޭރު ބޭރުގައި ބަހައްޓާފައި ހުރި ޖޯލިފައްޗެއްގައި ފޯނާ ކުޅެން ނަޝާ އިނެވެ. ޔާސީންއާއި އާރިމް ނުކުތްތަން ފެނުމާއެކު ނަޝާ ޖޯލިން ތެދުވެލާފައި އާރިމްއަށް ހިނިތިންވުމެއް ރައްދުކޮށްލިއެވެ. އެވަގުތު އަނެއްކާ އާރިމްގެ ހިތުގައި އިތުރު ކޫރުމެއް އެޅުނެވެ. ރޭ ހަތަރުދަމު އެތައް މަސައްކަތަކުން އޭނާ އެވަނީ އަމިއްލަ ހިތަށް ވިސްނައިދީފައެވެ. ނަމަވެސް ނަޝާގެ އެންމެ ހިނިތުންވުމަކުން އަނެއްކާ އޭނާގެ ހިތް ބަލިކަށިވެއްޖެއެވެ.
ބަނދަރުމައްޗަށް ދިޔައިރު ލޯންޗު އޮތީ ފުރަން ތައްޔާރަށެވެ. އޭރު މީހުންތައް ލޯންޗަށް އަރަމުންދިޔައެވެ. މާގިނައިރު އެތާ ހުންނާކަށް އާރިމް ބޭނުމެއް ނޫނެވެ. އެހެންކަމުން ހިނިތުންވެލާފައި ޔާސީންއާ ދިމާއަށް ސަލާމަށް އަތް ދިއްކޮށްލިއެވެ.
"ހިތްހެޔޮކުރާތި. ވަރަށް ބޮޑަށް ޝުކުރިއްޔާ ކޮށްދިން ހުރިހާ ކަމަކަށްވެސް." ސަލާމް ކޮށްލަމުން ހިނިތުންވެލާފައި އާރިމް ބުންޏެވެ.
"ޝުކުރު އަދާކުރަންޖެހޭނީ އަހަރެމެންނެއްނު. އާރިމް ތިދަނީ އަހަރެންގެ ހުވަފެން ސީދާކޮށްދީފަވިއްޔަ. ވަރަށް ބޮޑަށް ޝުކުރިއްޔާ." ފުޅާ ހިނިތުންވުމަކާއެކު ނަޝާ ބުންޏެވެ.
ނަޝާއާ ސަލާމްކޮށްލި ވަގުތު އާރިމްއަށް ނަޝާގެ މަޑުމަޑު އަތަށް ކުޑަކޮށް ފިއްތާލެވުނެވެ. އަދި ވޭނުން ފުރިގެންވާ ގޮތަކަށް އެ ރީތި ދެލޮލަށް ބަލާލިއެވެ.
"ޓޭކް ގުޑް ކެއާރ ނަޝާ. އެންޑް އޯލްވޭސް ބީ ހެޕީ." އެވަގުތު އާރިމްގެ އަޑުގައި މަޑުމަޑު ތުރުތުރެއް އެކުލެވުނެވެ. އޭނާގެ ބަލާލުމުގައި ތަފާތުކަމެއްވާކަން އެވަގުތު ނަޝާއަށްވެސް ފާހަގަކުރެވުނެވެ.
އިތުރަށް އެ މޫނު ފެންނަ ހިސާބުގައި ހުރެއްޖެނަމަ ގޯހެއް ހެދިދާނެތީ އާރިމް އަވަސްއަވަހަށް އެނބުރިފައި ހިނގައިގަތެވެ. ދެން އޭނާ ލޯންޗަށް އަރާ އިށީނދެވެންދެން ފަހަތަށް އެންމެ ފަހަރަކުވެސް ބަލާނުލައެވެ. ލޯންޗަށް އަރާ ހަމަޖެހިލެވުމާއެކު އޭނާ ދެލޯ މަރާލިއެވެ. އިތުރަށް ނަޝާއާއި ޔާސީން އެއްކޮށް ތިބޭތަން ބަލައިގެން ހިތަށް އަނިޔާދޭކަށް ހިތްވަރެއް ނެތެވެ.
އާރިމްއަށް މާލެ ދެވުނީ މެންދުރުގެ ވަގުތެއްގައެވެ. ގެއަށް ދިޔައިރު މަންމަ އުޅެނީ ގަދައަށް ކައްކައިގެންނެވެ. ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ.
"ދަރިފުޅު އަވަހަށް ފެންވަރާލައިގެން އާދޭ ކާން. މިއަދު އިތުރު ބަޔަކުވެސް ގެއަށް އަންނާނެ." އާރިމް ފެނުމާއެކު ދަރިފުޅުގެ ކޮނޑުގައި ފިރުމާލަމުން އާރިފާ ބުންޏެވެ.
އާރިމް ފެންވަރާލައިގެން ކާގެޔަށް ދިޔައިރު އެތަނުގައި ސިރާޖާއި އާރިފާގެ އިތުރުން އަންހެންކުއްޖަކާއި ބައްޕަމެން އުމުރުގެ ފިރިހެނެއް އިނެވެ. އެ ފިރިހެންމީހާއަކީ ކުރިން ފެނިފައި ހުރި މީހެއްހެން އާރިމްއަށް ހީވިއެވެ. އެކަމަކު އެމީހާގެ ކައިރީގައި އެއިނީ ކޮން އަންހެން ކުއްޖެއްކަމެއް އާރިމްއަކަށް ނޭނގެއެވެ.
"އަނހާ. މިއޮއް އައީއެއްނު. ދަރިފުޅު އަވަހަށް އާދޭ." އާރިމް ފެނުމާއެކު އާރިފާ ގޮވާލިއެވެ. އެވަގުތު އެންމެންގެ ނަޒަރު އާރިމްއަށް ހުއްޓުނެވެ. އާރިމް މަޑުމަޑުން ގޮސް ސިރާޖުގެ ކަނާތްފަރާތުގައި ހުރި ގޮނޑީގައި އިށީނދެލިވެ. އޭރު އޭނާގެ ލޮލުގައި ކުޑަ ރަތްކަމެއް ހުއްޓެވެ. މޫނުން ފެންނަނީ ވަރުބަލިކަމެވެ.
"ދަރިފުޅު ދަތުރު ކިހިނެއް؟" އާރިމްއަށް ބަލާލާފައި ސިރާޖު ސުވާލުކޮށްލިއެވެ.
"ރަނގަޅު." ވަރުބަލިވެފައި އިންވަރުން އޭނާ އެކަކާވެސް އެހާ ވާހަކަ ދައްކާ ހިތެއް ނުވިއެވެ. އެހެންކަމުން ބެލީ ވީހާވެސް ކުރު ޖަވާބެއްދެވޭތޯއެވެ.
"މިއީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް.... ޙަމީދުބެ. ދަރިފުޅު ތަންކޮޅެއް ކުޑައިރު ގެއަށް އައިސް އުޅުނު. އެކެމަކު ފަހުން އެމީހުން ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރީ. ދެން މީނީ ހަމީދުބޭގެ ދަރިފުޅު ރަނާ." ސިރާޖު އެތާ ތިބި ދެ މެހެމާނުން އާރިމްއަށް ތަޢާރަފްކޮށްދިނެވެ. އެވަގުތު އާރިމް ރަނާއަށް ބަލާލިއެވެ. އެއީ ރީތި ކުއްޖެކެވެ. ހަންގަނޑު ކަޅު ނަމަވެސް އޮމާނެވެ. މޫނުގައި ބިއްސެއް ކީއްކުރަން ލަކުނެއްވެސް ނެތެވެ. ބުޅިބުޅި ދިގު އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ. ލޮލުގައި ވަނީ ކަޅުކަން ގަދަ ކަޅިއެކެވެ. ކަޅި ވަށައިގެންވާ ބައި ހުދުވެފައި ލޮލުގައި ވިދުމެއް ހުއްޓެވެ. ތުންފަތުގައި ހުރީ މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ޖައްސާފައެވެ. ފެންނަ ފެނުމަށް ހަށިގަނޑުވެސް ހުރީ ރީތި ވަރަކަށެވެ. ހިއްކެއް ނޫނެވެ. ފަލައެއްވެސް ނޫނެވެ.
ކާން ތިބިއިރު ގިނަ ވާހަކަދެއްކީ ސިރާޖުއާއި ހާމިދެވެ. ދެކެވުނު ވާހަކައިން ޙަމީދުމެން މާލެ ބަދަލުވީ އޭނާގެ އަނބިމީހާ ނިޔާވުމުންކަން އެނގުނެވެ. އަދި އެމީހުންގެ ހުންނަނީ ރަނާ އެކަނިކަންވެސް އެނގުނެވެ. އާރިމް އިނީ އެތަނުން އަވަހަށް ނުދެވިފައެވެ. އެމީހުން ވާހަކަދައްކާ އަޑު އިވޭތީވެސް އޭނާ އިނީ ބޮލަށް އުނދަގޫވެފައެވެ. އޭރުވެސް އޭނާގެ ހިތުގައިވަނީ ނަޝާގެ ނަމެވެ. ކާން އިން އިރު ދޭތެރެ ދޭތެރެއިން ރަނާގެ ނަޒަރު އޭނާއަށް ހުއްޓޭކަމުގެ އިޙުސާސް އާރިމްއަށް ކުރެވުނެވެ. ނަމަވެސް އޭނާ އިނީ އެއްވެސް މީހަކާ ދިމާއަށް ބަލާލާ ހިތްވާ މޫޑެއްގައެއް ނޫނެވެ. އެހެންކަމުން އަވަސް އަވަހަށް ކައި ނިންމާލާފައި އެތަނުން ދާން ތެދުވިއެވެ.
"ދަރިފުޅު ހާދަ އަވަހަކަށޭ ތި ނިންމާލީ." އާރިމް ގޮނޑިން ތެދުވުމާއެކު އާރިފާ ބުންޏެވެ.
"ވަރަށް ވަރުބަލިވެފަ މިހިރީ. ބޭނުންވަނީ ކުޑަކޮށް ނިދާލަން." އެހެން ބުނެލާފައި އެހެންމީހަކު އެއްޗެކޭ ބުނުމުގެ ކުރިން އާރިމް އެތަނުން ދާން ހިނގައިގަތެވެ. އެވަގުތުވެސް ރަނާގެ ނަޒަރު އޭނާއަށް ހުއްޓިފައިވާކަމުގެ އިޙުސާސް ކުރެވުނެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ އޭނާ ގޮސް ކޮޓަރިއަށް ވަދެފައި އެނދަށް ވެއްޓިގަތެވެ. ރޭގައި ނުނިދާ ހުރުމުންނާއި ދަތުރު ވަރުބަލިވެފައި ހުރިވަރުން ނިދޭކަށް މާ ގިނައިރެއް ނުނެގިއެވެ.
އާރިމްއަށް ހޭލެވުނީ މަންމަ އައިސް ގޮވުމުންނެވެ. އޭރު ހުރީ ކޮޓަރީގެ ނިދާ ބޮކި ދިއްލާފައެވެ. ގަޑި ބަލާލިއިރު ރޭގަނޑު އަށެއް ޖަހަނީއެވެ.
"ދެން ތެދުވޭ ކާން. ބައްޕަވެސް އެބައިން ދަރިފުޅު އަންނަންދެން." އެނދުމަތީގައި އޮތް އާރިމްގެ ތުވާލި ނަގާ ހަރުގާ އަޅުވާލަމުން އާރިފާ ބުންޏެވެ.
"ކާހިތެއް ނެތް." ފޯނަށް ނަޒަރު ހުއްޓާލައިގެން އޮވެ އާރިމް ބުންޏެވެ. އެވަގުތު އާރިފާ އެނބުރިލާފައި އައިސް އެނދުގެ މަގަތުގައި އިށީނދެލިއެވެ. އަދި ފަރުވާތެރިކަމާއެކު އާރިމްގެ މޫނަށް ބަލާލިއެވެ.
"މަންމައަށް ހާދަ ހީވެޔޭ ދަރިފުޅު އެރަށަށް ގޮސްފަ އައި އިރު ބަދަލުތަކެއް އައިސްފަހުރިހެން." އާރިފާއަށް ފާހަގަކުރެވުނު ކަމެއް ހާމަކޮށްލިއެވެ.
"ނޫން. އެއީ މާ ބޮޑަށް ދަތުރު ވަރުބަލިވެފަ ހުރީމަ މަންމައަށް ހީވާ ގޮތް." ގަދަކަމުން ހިނިތުންވެލާފައި އާރިމް މަންމައަށް ބަލާލިއެވެ.
"ރަނާ ރީތިތަ؟" އާރިމް ނުވެސް ވިސްނާ އޮއްވާ ކުއްލިއަކަށް އާރިފާ މަޢޫޟޫ ބަދަލުކޮށްލިއެވެ.
"އާނ. ހުތުރެއް ނޫން." މާ ގަޔާ ނުވި ނަމަވެސް އާރިމް ޖަވާބުދިނެވެ.
"ބައްޕަ ބޭނުންވަނީ ދަރިފުޅާ ރަނާގެ ކައިވެނި ކުރަން." އާރިމްގެ މޫނަށް އަރާ ކުލަވަރަށް ފަރުވާތތެރިކަމާއެކު ބަލަން އިނދެ އާރިފާ ބުނެލިއެވެ. އާރިމްއަކީ އަދި ދުވަހަކުވެސް ބައިންބަފައިންގެ ބަސް ބޮލާލާ ޖެހި ކުއްޖެއް ނޫނެވެ.
(ނުނިމޭ)



