މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ކައުންސިލްތަކާ ވީހާވެސް ގާތުން ގުޅިގެން މަސައްކަތްތައް ހިންގުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާލުވެފައި ވަނީ ގިނަ ކައުންސިލްތަކެއް ބައިވެރިވެ އެމިނިސްޓްރީން މީގެ ކުރިން ބޭއްވި މިފަދަ ތަމްރީނު ޕްރޮގްރާމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިވާކަމަށާއި އެޕްރޮގްރާމްގެ ވަރޗުއަލް ރިފްރެޝަރ ޕްރޮގްރާމެއް މިހިނގާ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ.
ކައުންސިލްތައް ބާރުވެރިކުރުވާ ލާމަރުކަޒުކުރުމަށް ބާރުއެޅުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިރަމުން އިސްނަގައިގެން ނިމިދިޔަ އަހަރުގެ ތެރޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ގެސްޓްހައުސް އަދި ޓްރެވަލް އެޖެންސީ އަލަށް ރަޖިސްޓްރީ ކުރުމަށާއި، ރަޖިސްޓްރީ އައުކުރުމަށް ކުރެވޭ އިންސްޕެކްޝަންގެ ތަމްރީން ޕްރޮގްރާމެއް ވަނީ ބާއްވާފައެވެ. މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 190 ކައުންސިލުން ބައިވެރިވެފައިވެއެވެ.
އެމިނިސްޓްރީން ވިދާޅުވީ އޮކްޓޫބަރު 10 ވަނަ ދުވަހު އޮންނަ ތަމްރީން ޕްރޮގްރާމްގެ އިތުރުން ޑައިވް ސެންޓަރުތައް އަލަށް ރަޖިސްޓްރީ ކުރުމަށާއި، ރަޖިސްޓްރީ އާކުރުމަށް ކުރެވޭ އިންސްޕެކްޝަންގެ ތަމްރީނު ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ.
މިތަމްރީން މެދުވެރިކޮށް، ލާމަރުކަޒީ އުސޫލުން ކައުންސިލްތަކަށް މިފަދަ އިންސްޕެކްޝަންތައް ކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމުގައި ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކިކަންކޮޅުތަކުން ޓޫރިސްޓް ގެސްޓްހައުސް، ޓްރެވަލް އެޖެންސީ އަދި ޑައިވް ސެންޓަރުތައް ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތްތަކަށް މި މަރުޙަލާ ލުއިފަސޭހަވުމަށް މަގުފަހިވެގެން ދާނެކަމުގައިވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ކައުންސިލްތަކުން އެނިސްޓްރީގެ މިފަދަ މަސައްކަތްތަކަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.



