ކޮވިޑަށް ސާމްޕަލް ނެގި މީހާއަށް ހަމަލާދިން މައްސަލަ ބަލަމުންދާ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން، މާފަންނު މަދަރުސާގައި ހުރި ފްލޫ ކްލިނިކް ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާ ކުއްޖަކަށް ހަމަލާދީ މާރާމާރީ ހިންގިކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮސްފައެވެ.
ފުލުހުން މިއަދު ވިދާޅުވިގޮތުގައި ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ ތެރޭގައި ސާމްޕަލް ނެގި މީހާއަށް ހަމަލާދިން މައްސަލައެއް ރޭ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ނަމަވެސް ސާމްޕަލް ނަގާ ކުއްޖަކަށް ހަމަލާދީ މާރާމާރީ ހިންގިކަމަށް ދެކެވޭ ވާހަކަ އިކްރާމް ހަސަން ވަނީ ދޮގުކޮށްފައެވެ. އިކްރާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާފަންނު މަދަރުސާގަ ސާމްޕަލް ނަގަން ހުރި ކުއްޖާ ނޭފަތު ތެރެއަށް ސާމްޕަލް ނަގާއެތި ލައްވާފަ ތަޅުވައިގަތީމަ ތަދުވިވަރުން އެ ކަފަ ބުރި ނެރުމަށް މޫނު ކައިރީގަ އިން އޭނަގެ އަތް ދުރަށްލިން ކަމަށެވެ.
"ވަރަށް ރުޅި އައިސް ބުނެވުނު، މިހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނަގަން ބައިތިއްބަން ނުވާނެ ކަމަށް އަދި އޭނައަށް ކިޔަނީ ކޮން ނަމެއްތޯ ވެސް އެހުނު. ނަމެއް ނުބުނި." އިކްރާމް ވިދާޅުވިއެވެ.
މިޔަށްވުރެ ބޮޑު ކަމެއް ނުހިނގާ ކަމަށާއި އެތާ ކެމެރާ ހުރި ނަމަ އެ ކެމެރާއިން ކަން ހިނގާ ދިޔައީ މިގޮތައްތޯ ނޫންތޯ ބެއްލެވެވުމަށް އިކްރާމް ވިދާޅުވިއެވެ. އަދި މީގެ ކުރިން އައިޖީއެމްއެޗް އިން ޕީސީއާރު ޓެސްޓެއް ހެދިއިރު ވަރަށް އޯގާތެރިކަމާއެކު އެކަން ކޮށްދިން ކަމަށާއި މިހާތަނަށް މާރާމާރީގެ މައްސަލައެއްގައި ޕޮލިސް ރިކޯޑެއް ނޯންނާނެ ކަމަށާއި އަޅުގަނޑު ގަބޫލު ކުރާގޮތުގައި، އެޔަށްވުރެ އޯގާތެރި ކަމާއެކު ވެސް ޕީސީއާރު ޓެސްޓަށް ސާމްޕަލް ނެގޭނެ ކަމަށް ވިދާޅުވިއެވެ.



