ދެވަނަ ރިޔާސީ ބަހުސް ކެންސަލްކޮށްފި

މިމަހުގެ 15 ވަނަ ދުވަހު އެމެރިކާގެ މިއާމީގައ،ި ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބޭއްވުމަށް ހަމަޖެއްސި ދެވަނަ ރިޔާސީ ބަހުސް ކެންސަލްކޮށްފައިވާކަމަށް ރިޔާސީ ބަހުސް ބާއްވާ ކޮމިޝަނުން ހާމަކޮށްފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މިބަހުސް ކެންސަލްކޮށްފައިވަނީ، ބަހުސް ބާއްވާނެ ގޮތަކާއިމެދު ދެ ކެންޑިޑޭޓުންނަށް އެއްބަސްވުމަކަށް އާދެވިފައި ނުވުމުންނެވެ.

ރިޔާސީ ބަހުސް ބާއްވާ ކޮމިޝަނުން މިދިޔަ ހަފްތާގައި ހާމަކޮށްފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދެވަނަ ރިޔާސީ ބަހުސް ވާޗުއަލްކޮށް ބޭއްވުމަށް ނިންމައިފައި ވާކަމަށެވެ. މި ނިންމުމާއި ގުޅިގެން މިހާރުގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑޮނަލްޑް ޓުރަމްޕް ވިދާޅުވެފައިވަނީ ވާޗުއަލްކޮށް ބާއްވާ ރިޔާސީ ބަހުސެއްގައި އެމަނިކުފާނު ބައިވެރިވެވަޑައި ނުގައްނަވާނެ ކަމަށެވެ.

އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން މިމައްސަލައިގައި ވިދާޅުވެފައިވަނީ ޓްރަމްޕް ކޮވިޑް-19 އަށް މިމަހު ފުރަތަމަ ދުވަހު ޕޮޒިޓިވުވެފައިވާތީ ޓުރަމްޕް ބަލިން ރަނގަޅު ނުވަނީސް ވާޗުއަލްކޮށް ނޫންގޮތަކަށް ބަހުސްގައި ބައިވެރިވެވަޑައި ނުގައްނަވާނެ ކަމަށެވެ.

މިމައްސަލައިގައި ހައްލަކަށް ނާދެވުމާއި ގުޅިގެން މިހާރު ނިންމައިފައިވަނީ ދެވަނަ ރިޔާސީ ބަހުސް ނުބާއްވާ ގޮތަށެވެ. ނަމަވެސް މިމަހުގެ 22 ވަނަ ދުވަހަށް ތާވަލްކޮށްފައިވާ އެންމެފަހު ރިޔާސީ ބަހުސް ކުރިއަށް ގެންދާ ގޮތަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ