ސިއްހީ ހިދުމަތްތެރިން މަސައްކަތްކުރަނީ އޯގާތެރިކަމާއެކު: އެޗްޕީއޭ

ރާއްޖެއިން ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗް.އީ.އޯ.ސީ) އާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި އަދި ކޮވިޑް-19 އަށް ޓެސްޓުކުރުމުގައި ދެމުންދާ ޚިދުމަތްތަކަކީ ޕްރޮފެޝަނަލް މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޯގާތެރިކަމާއެކުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިފަދަ ނޫސް ބަޔާނެއް ނެރެފައި މިވަނީ މާފަންނަ މަދަރުސާގައި ކޮވިޑް ސާމްޕަލް ނަގަން ހުރި ރެޕިޑް ރެސްޕޯންސް ޓީމުގެ މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނެ އަޑުތައް އަރާފައިވަނިކޮށެވެ. އެކަމަކު އިކްރާމް ވަނީ އެތުހުމަތައް ދޮގު ކުރައްވާފައެވެ.

"މިމަސައްކަތްތަކުގައި ސިއްހީ ޚިދުމަތްތެރިންނާއި ވޮލަންޓިއަރުން ރެއާ ދުވާލު މަސައްކަތްކުރަމުން ދަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ފޯރުކޮށްދޭ ޚިދުމަތް ދިނުމުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން އަދި އޯގާތެރިކަމާއެކުގައިކަމަށް ދަންނަވަމެވެ." ބަޔާނުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން  ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާ، ވޮލަންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެކަމަށާއި އަދި މިކަން ކަށަވަރުކުރުމަށް އާންމު ރައްޔިތުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އެހީތެރިކަން ދިނުމަށް ވެސް އެދިފައިވެއެވެ.

ރޭ ރެޕިޑް ރެސްޕޯންސް ޓީމުގެ މެމްބަރަކަށް ހަމަލާދިން މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ