ހދ. ވައިކަރަދޫ | ފޮޓޯ: ފޭސްބުކް

ވައިކަރަދޫ ކަނޑޫފަލުން ގަސްކެނޑުމާއި ކަނޑޫ ހޮވުން މަނާކޮށްފި

ހދ. ވައިކަރަދޫގެ ކަނޑޫފަލުން ކަނޑޫގަސް ކެނޑުމާއި ކަނޑޫ ހޮވުން އެ ރަށުގެ ކައުންސިލްގެ އިދާރާއިން މަނާކޮށްފިއެވެ.

ވައިކަރަދޫ ކައުންސިލުން އިއްޔެކޮށްފައިވާ އިޢުލާނެއްގައި ބުނީ، މިހާރަކަށް އައިސް ކައުންސިލްގެ ހުއްދަނެތި ރަށުގެ ކަނޑޫފަލުން ކަނޑޫގަސް ކަނޑާކަމަށް ކައުންސިލަށް ފާހަގަކުރެވިފައިވާކަމަށާއި، އަދި މި ދުވަސްވަރަކީ ކަނޑޫފަލުން އަދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ ކަނޑޫގަސް މަރުވަމުންދާ ދުވަސްވަރަކަށްވާއިރު، މިފަދަ ދުވަސް ވަރެއްގައި ރޯ ނުވަތަ ހިކި ކަނޑޫ ގަސް ވިޔަސް ކެނޑުމަކީ އެކަމުގެ ސަބަބުން، 100 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބެލެވޭ އެރަށުގެ ކަނޑޫ ފަލަށް ލިބިގެންދާނެ އިތުރު ގެއްލުމެއް ކަމުގައި ދެކޭކަމަށެވެ.

އެހެންކަމުން 11 އޮކްޓޯބަރ 2020 ވަނަ ދުވަހުން (އިއްޔެއިން) ފެށިގެން، ވަކިގޮތެއް އަންގަންދެން، ކައުންސިލްގެ ހުއްދަނެތި ކަނޑޫފަލުން އެއްވެސް ބާވަތެއްގެ ގަހެއް ކެނޑުމާއި، ކަނޑޫ ހޮވުމަކީ މަނާކަމެއް ކަމުގައިވެސް ވައިކަރަދޫ ކައުންސިލްގެ އިޢުލާނުގައިވެއެވެ.

ހިމާޔަތްކޮށްފައިވާ ވައިކަރަދޫގެ ކަނޑޫފާ ހަލާކުވެ މަރުވާން ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. ވައިކަރަދޫ ކަނޑޫފަލަށް ދިމާވެފައި މިވާ މައްސަލަ ހއ، ހދ، ށ، އަދި ނ. އަތޮޅުގެ ރަށްތަކުގެ ކަނޑޫފާތަކަށް ވެސް ދަނީ ދިމާވަމުންނެވެ.

ވައިކަރަދޫ ކަނޑޫފާގެ ޙާލަތު - ފޮޓޯ: ވައިކަރަދޫ ކައުންސިލް

ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ފެށުމަށް ވިދާޅުވީ، އުތުރުގެ ގިނަ ކަނޑޫފާތަކަށް ޤުދުރަތީގޮތުން ބޮޑެތި ބަދަލުތަކެއް އައިސް ގިނަ ކަނޑޫ ގަސްތަކެއް މަރުވަމުންދާތީ، އެސަބަބާއި ގުޅިގެން ކައުންސިލާއި ރަށުގެ ޒުވާނުންގެ އަދި ކަމާބެހޭ އިދާރާތަކުން ގުޅިގެން އެރަށު ކަނޑޫފަލަށް ދިމާވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، ކަނޑޫފަލުން ގަސް ކެނޑުމާއި ކަނޑޫ ހޮވުން މަނާކޮށް ޖުމްލަކޮށް ބުނާނަމަ އެސަރަޙައްދަށް ވަނުން މިހާރު މަނާކުރެވިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ މިއީ 100 އަހަރަށް ވުރެން ގިނަދުވަސްވެފައިވާ ކަނޑޫފަލެއްކަމަށާއި، ބޮޑުތަދުގެ ދުވަސްވަރުވެސް އެ ރަށު މީހުން ހައިހޫނުކަން ފިލުވީ މި ކަނޑޫފަލުން ކަނޑޫ ހޮވައިގެން ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި މުސްތަޤުބަލަށް ވިސްނައި މިފަދަ މުހިންމު ތަންތަން ސަލާމަތްކުރުމުގައި އެންމެން އެއްބާރުލުންދިނުމަށް ގޮވާލާކަމަށެވެ. އަދި މިފަދަ ކަންކަމަކީ ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކަށް އެކަނި ކުރެވޭނެ މަސައްކަތްތަކެއް ނޫންކަމަށާއި، މިފަދަ ކަންކަމަގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަކީ ވަރަށް މުހިންމު އެއްޗެއްކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ