އެންމެ ފަސްދުވަސްތެރޭ ޗައިނާގެ ސިޓީއެއް ކޮވިޑް-19 އަށް ޓެސްޓު ކުރަނީ

ޗައިނާގެ ސިޓީއެއް ކަމަށްވާ ޗިންޑާއޯގެ ނުވަމިލިއަން މީހުންގެ އާބާދީ އެންމެ ފަސްދުވަހުގެތެރޭ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އެ ސިޓީއިން ނިންމައިފިއެވެ.

މި ނިންމުން އެ ސިޓީއިން ނިންމައިފައިވަނީ، ބޭރުގައުމުތަކުން އަންނަ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންނަށް ފަރުވާ ކުރުމަށް ހާއްސަކޮށްފައިވާ ޗިންޑާއޯގެ ޗިންޑާއޯ ޗެސްޓު ހޮސްޕިޓަލާއި ގުޅުންހުރި ކޮވިޑް-19ގެ ކޭސްތަކެއް އެސިޓީއިން ފެނުމާއި ގުޅިގެންނެވެ.

މިގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހިފައިވާ ހަ މީހުންނާއި ބަލި ޖެހި އަލާމާތް ނުފެންނަ ހަ މީހުންވަނީ އެސިޓީއިން ފެނިފައެވެ.

ޗައިނާއަކީ މީގެކުރިންވެސް ކޮވިޑް-19 އާއި ގުޅިގެން މިފަދަ އެތައް ކުޅަދާނަކަމެއް މުޅި ދުނިޔެއަށް ދައްކުވައިދީފައިވާ ގައުމެކެވެ. މިގޮތުން ކޮވިޑް-19 އެންމެފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގެ މުޅި އާބާދީގައި ހިމެނޭ 11 މިލިއަން މީހުންވަނީ މެއިމަހުގެތެރޭ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ.

މުޅި ދުނިޔެއިން މިހާތަނަށް 37 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކޮވިޑް-19 ޗައިނާގައި މިހާރުވަނީ ފެތުރުން ކޮންޓުރޯލް ކޮށްފައެވެ. ޗައިނާއިން ބަލި ފެތުރުން ކޮންޓުރޯލްކޮށްފައިވަނީ އެބަލި ފެތުރޭ ސިޓީތައް އެކީއެކަށް ބަންދުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ