މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި ބަނގުރާއާއި މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ޏ. ފުވައްމުލަކުގެ އިތުރުން އދ. އަތޮޅުގައިކަމަށެވެ.
އެގޮތުން ފުވައްމުލަކު ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ދިވެހި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ 19 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ މީހުންގެ އިތުރުން 28 އަހަރުގެ މީހެކެވެ.
ފުލުހުން ވިދާޅުވީ، މި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓުއަމުރެއްގެ ދަށުން އެމީހުން ހައްޔަރުކޮށް އެ މީހުން ތިބި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށެވެ.
އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ދެ މީހަކަށް 12 ދުވަހުގެ މުއްދަތު ދީފައިވާއިރު އެކަކަށް ހަތް ދުވަސް އަދި އަނެކަކަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން މާމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، މި މަހުގެ 12 ވަނަ ދުވަހު އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން ފުލުހުން ވިދާޅުވީ، މާމިގިއްޔަށް ބަނގުރާފުޅިތަކެއް އެތެރެކޮށްފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދުގައި ހުރި ގަސްތަކެއްގެ ތެރެއިން ފަސް ފުޅި ބަނގުރާ ހޯދާފައިވާކަމަށެވެ.
މީގެ އިތުރުން މަހިބަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރާކަމަށް އެރަށު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް އިއްޔެ ވަނީ އޮޕަރޭޝަނެއް ހިންގާފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އެގޮތުން ފުލުހުން ވިދާޅުވީ،އެ އޮޕަރޭޝަނުގައި އެރަށު ފަޅުގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރުޕެކެޓާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށެވެ.
ނަމަވެސް މި ދެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ފުލުހުން ދަނީ މި މައްސަލަތައް ތަހުޤީގުކުރަމުންނެވެ.



