ކާނާ ލިބުމުގައި ދިމާވެދާނެ އުނދަގޫ ޙާލަތަކަށް ތައްޔާރުވެތިބުން މަޖްބޫރުކަމެއް

ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގައި ކާނާގެ ޔަޤީންކަން އޮތް ނާޒުކު ފައްތަރާ ދޭތެރޭ ވިސްނާ، ކާނާގެ ބާވަތްތައް ލިބުމުގައި ދިމާވެދާނެ ދަތި އުދަނގޫ ޙާލަތަކަށްވެސް ތައްޔާރުވެތިބުމަކީ މަޖުބޫރުކަމެއް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.

ދަނޑުވެރިންގެ ދުވަހާއި ގުޅުވައިގެން ހއ. އަތޮޅުގައި ޚާއްސަ ޕްރޮގްރާމްގެ ޙަރަކާތްތަކެއް މިދިޔަ ދެދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، އެގްރިކަލްޗަރުން ބުނީ ދުނިޔެ ދެކެމުންދާ ތަފާތު ބަލިމަޑުކަމުގެ އިތުރުން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވާ ކާރިސާތަކުގެ ސަބަބުން ކާނާއުފެއްދޭ މިންވަރަށާއި، އެއްތަނުން އަނެއްތަނަށް ކާނާ އުފުލުމުގައި ކުރާ ނޭދެވޭ އަސަރު ދުވަހުން ދުވަހަށް އިތުރުވާނެކަމަށް ތިމާވެއްޓާއި މޫސުމާބެހޭ ދިރާސާތަކުން ދައްކާކަމަށެވެ.

މިގޮތުން، އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހުމާއި، ހޫނުގަދަވުމާއި، ތޫފާން ތަކާއި ޤުދްރަތީ ކާރިސާތަކުން ދަތުރުފަތުރަށް ލިބޭގެއްލުން ތަކުގެ ސަބަބުން ދުނިޔޭގެ ކާނާގެ ޙާލަތަށް ދިމާވެދާނެ ނޭދެވޭ އަސަރުތަކުން ދުރުވެ ތިބުމަށް ހުރިހާ ޤައުމެއްގައިވެސް އެ ޤައުމެއްގެ ވެށިން ލިބޭ އަދި ޒަމާނުއްސުރެއް ހައްދަމުން އަންނަ ގަސްގަހާގެހީގެ ބާވަތްތަށް އާލާކޮށް އޭގެ އުފެއްދުންތައް ބޭނުންކުރުމަށް ބާރުއަޅާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލުމަކީ މުހިއްމު ކަމެއްކަމަށެވެ.

އަދި އދ ގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ދުނިޔޭގެ 690 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަޙައްމަލްކޮށްފައިވެއެވެ. އަދި މިއަދު ދުނިޔެ ތަޙައްމަލްކުރަމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާއިއެކީ 2020 ނިމޭއިރު އިތުރު 130 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަޙައްމަލްކުރަންޖެހިދާނެ ކަމަށް ދައްކާކަމަށާއި، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށްވަނީ ވަރަށް ބޮޑަށް ކޮއްފައިވާއިރު، މި ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގައި ކާނާގެ ޔަޤީންކަން އޮތް ނާޒުކު ފައްތަރާ ދޭތެރޭ ވިސްނާ، ކާނާގެ ބާވަތްތައް ލިބުމުގައި ދިމާވެދާނެ ދަތި އުދަނގޫ ޙާލަތަކަށްވެސް ތައްޔާރުވެތިބުން މިވަނީ މަޖުބޫރުވެފައިކަމަށްވެސް އެމިނިސްޓްރީއިން ބުންޏެވެ.

އެމިނިސްޓްރީއިން ބުނީ، ރާއްޖޭގައި ސިއްހީދާއިރާ އިން ކުރިއެރުންތަކެއް ލިބިފައިވީ ކަމުގައިވިޔަސް ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ޚާއްޞަކޮށް ކުޑަކުދިންނަށާއި ވިހާ ޢުމުރުގެ އަންހެނުންގެ ޞިއްޙަތަށް ލިބޭގެއްލުންތައް ގިނަކަމަށް ފާހަގަކުރެވިފައިވާއިރު، މިހާލަތު ރަނގަޅުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ރަނގަޅު ކާނާ ބޭނުންކުރުން މުހިންމު ކަން ފާހަގަކުރެވޭކަމަށެވެ.

އަދި  މި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ޔަޤީންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ބޮޑު އިންސައްތައަކުން އިތުރުކުރުމަށް ޚާއްޞަ ސިޔާސަތެއް ކަނޑައެޅިފައިވާކަމަށާއި، މިގޮތުން ރަށްރަށުގައި އުފައްދާ ތަކެތި އިތުރުކުރުމަށް، ޒަމާނުއްސުރެ ރާއްޖޭގައި ހައްދާ ޞިއްޙަތަށް ފައިދާހުރި މޭވާއާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށް އެތަކެތި ހެއްދުމަށް ބާރުއެޅުމުގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ ގޭބިސީތަކުގަޔާއި، ރަށުގެ ހުސްބިންތަކުގައި މި ފަދަ ބާވަތްތައް އިންދުމަށް ޚާއްޞަ ޕްރޮގްރާމެއް ފެށިފައިވާކަމަށްވެސް އެމިނިސްޓްރީއިން ބުންޏެވެ.

ޚަބަރާއި ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

އޮކްޓޯބަރ 15 ވަނަ ދުވަހަކީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައިފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ