ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ބޭރުނުކޮށް، ރައްޔިތުންނަށް ދައްކާނީކޮން މޫނެއްކަމާމެދު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ ސުވާލު އުފައްދަވައިފިއެވެ.
އީވާ މިފަދައިން ވާހަކަ ދައްކަވާފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެނައުމުގެ މަސައްކަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލާފައިވަނިކޮށެވެ.
އެގޮތުން އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ، ރައްޔިތުން އެމްޑީޕީއަށް 65 ގޮޑި ދީފަ މަޖިލީހަށް މެންބަރު ފޮނުވީ ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށްކަމަށެވެ. އަދި ދެންވެސް ބޮޑު ހިޔާނާތެއް، ސާފުކޮށް ރީއްޗަށް އެނގޭނެހެން ޖޭޕީގެ ވަޒީރަކު އައިސް ވައްކަން ކޮށްލީމަ އޭނާ ބޭރުކުރަން ސާބިތުކަމާއެކު ބުނަން ނުކުރިއްޖެއްޔާ ދެން ރައްޔިތުން ވަންނާނީ ކޮންތާކަށްތޯކަމަށާއި، މެންބަރުން ރަށުތެރޭގައި ނުކުމެ މޫނު ދައްކާކާނީ ކާކަށްތޯކަމަށްވެސް އީވާ ސުވާލުކުރެއްވިއެވެ.
އަދި އަމީން ބޭރުކުރަން މިވެނި މީހަކު އެވެނި މީހަކު ތާޢީދުކޮށްފިތޯ ބަލަން ނުޖެހޭކަމަށާއި، މިއީ ވަރަށް ސާފު މައްސަލައެއްކަމަށްވެސް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، ކަނޑައެޅިގެން މުޅި އެމްޑީޕީގެ ހުރިހާ ވިސްނުމަކާއި ޚިލާފަށް މީހަކަށް ވަޒީރުކަމަށް ރުހުން ދިނީމަ އެރުހުމާއި މުޅިން ޚިލާފަށް މީހަކު ވައްކަށްކޮންގެން މުޅި ރަށުތެރެއަށް އެކަންތައް ފަޅާއަރީމަ، މިއަދު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ހެލްތު މިނިސްޓަރު އަމީން މިއަދު ބޭރުކުރަންވިއްޔޭ ބުނަން ނުކުރެއްޖިއްޔާ އެމްޑީޕީގެ މަޖިލީސް މެންބަަރުންނެކޭ މިއަދުގެ އެންޓިކޮރަޕްޝަން ކޮމިޝަނެކޭ އެއްވަރު ކަމަށެވެ.
"އަޅުގަނޑުމެން މިތާ ތިބިގެން އިނގިލި ދިއްކުރާ އެހެން މުއައްސާސަތަކޭ މިއަދު އަޅުގަނޑުމެން އެއްވަރު." އީވާ ބުންޏެވެ.
ނަމަވެސް އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ނުފެންނަކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދުވަނީ ނިންމާފައެވެ. 58 މެންބަރުން ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި އަމީން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ވޯޓު ދެއްވީ 27 މެންބަރުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ 31 މެންބަރުންނެވެ.
ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މައްސަލައިގައި ދެން ތުހުމަތުކުރި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި މި މައްސަލާގައި ދަޢުވާ ނުކުރަމަށް ނިންމެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ 24 މެންބަރުންގެ ސޮޔާއެކު ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް މިހާރުވަނީ ވައްދާފައެވެ.



