"ތުންތުންމަތިން ދެކެވެމުންއައި ޖަލުގެ އަނިޔާވެރިކަން ތިލަވެގެންދިޔައީ އީވާން ނަސީމުގެ މަރާއެކު"

ތުންތުންމަތިން ދެކެވެމުންއައި ޖަލުގެ އަނިޔާވެރިކަމުގެ ވާހަކަތަކުގެ ޙަޤީޤަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ޤަބޫލުކުރެވޭމިންވަރަށް ތިލަވެގެންދިއައީ އީވާން ނަސީމުގެ މަރާއެކުކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އީވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި އަދި ބަޑިޖަހައި އިތުރު ގައިދީން މެރި ޖަރީމާއަށް 17 އަހަރު ފުރުން ފާހަގަކޮށް އެމްޑީޕީއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ،

19 ސެޕްޓެމްބަރ 2020 ވަނަ ދުވަހަކީ މ.އޭޝިއާ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މާފުށީ ޖަލުގައި ހައްޔަރުކޮށް ބަހައްޓައިގެން ތަޅައި އަނިޔާކޮށް މަރާލިތާ 17 އަހަރު ފުރޭ ހިތާމަވެރި ދުވަސްކަމަށެވެ.

އަނިޔާވެރި އެއްވެސް ޢަމަލަކާ ނުލައި، އުމުރުން އެންމެ 16 އަހަރުގައި ޖަލަށްލައި ހައްޔަރުކުރެވުނު ޒުވާން އީވާން ނަސީމު، އޭގެ 3 އަހަރު ފަހުން މާފުށީ ޖަލުގައި ސިފައިން އެނާގެ ގައިގާ ތަޅައި ލާއިންސާނީ އަނިޔާކުރުމަށްފަހު މަރާލާފައިވާކަމަށާއި، އެއަށްފަހު އާއިލާއަށް ސިއްރުން އޭނާގެ ހަށިގަނޑު ވަޅުލަން މަސައްކަތްކޮށްފައިވާކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

އަދި އިތުރަށް ބުނީ، 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު ހިންގި އެ ބޮޑު ޖަރީމާއާ ދެކޮޅަށް ޖެހިގެން އައިދުވަހު ޖަލުގައި އިޙްތިޖާޖުކުރި އެތަކެއް އިތުރު ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލައި އަދި އެނޫން ގައިދީންތަކެއް ޒަޙަމްކުރި އަނިޔާވެރި ޙާދިސާ ހިންގާފައިވަނީ ވެސް އެ ޙާދިސާއާ ގުޅިގެންކަމަށެވެ.

މި ޖަރީމާއަކީ ރާއްޖޭގެ ޖަލުތަކުގައި އޭރުގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ސިސްޓަމެޓިކް ގޮތަކަށް ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި، އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު ދުނިޔެދޫކޮށްފައިވާކަމުގައި އޭރު ވެސް ތުންތުންމަތިން ދެކެވެމުން ދިއަ ވާހަކަތަކުގެ ޙަޤީޤަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ޤަބޫލުކުރެވޭމިންވަރަށް ތިލަވެގެންދިއަ ޖަރީމާއެއްކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިއަކަމެއްކަމަށްވެސް އެމްޑީޕީގެ މިބަޔާނުގައި ވެއެވެ.

ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ މި އަނިޔާވެރި ޖަރީމާއަށްފަހު ވެސް، ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ޙަޤީޤަތް ހޯދިފައިނުވާއިރު، މިގޮތުން ބަޑިޖަހާފައި ވަނީ ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށްވާނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި، ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫންކަމަށްވާނަމަ ސިފައިންގެ ޤާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަޙްޤީޤެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ޙަޤީޤަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާކަންވެސް މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ސިފައިން ތަޅައި އަނިޔާކޮށް މަރާލި އީވާން ނަސީމާއި އަދި އިޙްތިޖާޖުކުރުމުން ބަޑިޖަހައި މަރާލި އެންމެހައި ޤައިދީންގެ ފުރާނައަށް ސުވަރުގެ މިންވަރުކޮށްދެއްވުމަށް ދުޢާކުރާހިނދު، އާއިލާތަކަށް ކެއްތެރިކަން މިންވަރުކުރެއްވުމަށް ދުޢާކުރަމެވެ. އާމީން!" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީއިން މިބަޔާން ނެރެފައިވާއިރު، ކުރީގެ ރައީސް މައުމޫން ވެރިކަމުގެ އަނިޔާވެރިކަން ކިޔައިދޭ ވީޑިއޯއެއް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޓްވިޓާގައި މިއަދުވަނީ އާންމު ކުރައްވާފައެވެ. އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އާންމު ކުރައްވާފައިވަނީ އިބްރާހިމް ދީދީ ކިޔާދީފައިވާ ރައީސް މައުމޫން ވެރިކަމުގައި ކޮށްފައިވާ އަނިޔާގެ ވާހަކައެވެ.

މައުމޫން ވެރިކަމުގެ އަނިޔާވެރިކަން ކިޔައިދޭ ވީޑިއޯއެއް ނަޝީދު އާންމު ކުރައްވައިފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ