ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 41 މިލިއަނަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 41,295,044 އެވެ. އަދި މިބަލީގައި 1,132,825 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ، 30,779,507 މީހުންނެވެ.
މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 8,531,129 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު، 226,436 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮސިޓިވް ވެފައިވަނީ އަވައްޓެރި އިންޑިޔާ އިންނެވެ. އެޤައުމުން މިހާތަނަށް 7,701,365 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 116,585 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ތިންވަނައަށް އެންމެ ގިނަ ބައްޔަށް ޕޮސިޓިވް ވެފައިވަނީ ބްރެޒިލްއިންނެވެ. އެޤައުމުން މިހާތަނަށް 5,276,942 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 154,906 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.




