ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބައެއް އަތޮޅުތަކަށް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން ފ.އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މިއަދު ހެނދުނު 09:50 އިން 14:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert white in effect. pic.twitter.com/2KxcNCpAwj
— Maldives Meteorology (@MetMaldives) October 22, 2020
ކުރިއަށް އޮތް24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އުުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
"އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.




