ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މެޖޯރިޓީ ލީޑަރު އަދި އޭރު ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރުކަން ކުރައްވާފައިވާ، އަހުމަދު ނިހާން ހުސައިން މަނިކު، އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.
ނިހާން ކޮމިޝަނަށް ހާޒިރުކޮށްފައިވާކަން، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް މި ނޫހަށް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ހާޒިރުކޮށްފައިވަނީ ކޮންކަމަކާއި ގުޅޭގޮތުންކަމެއް މައުލޫމާތު ދެއްވާފައެއްނުވެއެވެ.
މިކަމާއި ގުޅިގެން ނިހާންގެ ބަހެއް ހޯދުމަށް މި ނޫހުގެ ފަރާތުން އޭނާއަށް ގުޅުމުން ވަނީ "ކޮމިޝަނަށް ގުޅުއްވައިގެން ސުވާލު ކުރެއްވުމަށް" ބުނެ ފޯނު ކަނޑާލައްވާފައެވެ.
ނިހާންގެ ދަރިކަލުންނަށް އަގުބޮޑު ފުލެޓެއް ގަނެދިން މައްސަލައާއި ގުޅިގެން މީގެ ކުރިން އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.




