އިޒްރޭލް ސިފައިންގެ އަނިޔާގައި މަރުވި ޒުވާނާ

އިޒްރޭލު ސިފައިންދިން އަނިޔާތަކުގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުވެއްޖެ

އިޒްރޭލު ސިފައިންދިން އަނިޔާތަކުގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުވެއްޖެއެވެ.

ފަލަސްތީނުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޒުވާނާ ޝަހީދުވެފައިވަނީ ރާމަﷲ ގެ އިރުއުތުރު ސަރަހައްދުގެ ޓައުނެއް ކަމަށްވާ ތުރްމުސް ކައިރިންނެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީއިން ބުނީ މި ޒުވާނާ ހޮސްޕިޓަލަށް ގެނެވިފައިވަނީ ކަރަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ކަމަށެވެ. ފަލަސްތީން މެޑިކަލް ކޮމްޕްލެކްސްގެ ޑައިރެކްޓަރ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޒުވާނާ ޝަހީދުވެފައިވަނީ ލިބިފައިވާ އަނިޔާތަކަށް ފަރުވާ ކުރަމުން ދަނިކޮށް ކަމަށެވެ.

ހޮސްޕިޓަލުގެ މެޑިކަލް ރިޕޯޓުގައިވާގޮތުން ޒުވާނާގެ ކަރައް ދީފައިވާ އަނިޔާތައް ފެއްނަން ހުއްޓެވެ. އަދި މި އަނިޔާތަކަކީ ރައިފަލް ބަޑިއެއްގެ މުއްގަޑުން ތަޅައި ދީފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ކަމަށްވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ފަލަސްތީން ލިބަރޭޝަން އޮގަރނައިޒޭޝަން (ޕީއެލްއޯ) އިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒުވާނާގެ ހަމައެކަނި ކުށަކީ ފަލަސްތީނުގެ ރައްޔިތަކަށްވުން ކަމަށެވެ. މި ބަޔާނުގައި އިޒްރޭލުގެ މި އަމަލު ހަރުކަށި އިބާރާތުން ކޮށްވެރި ކޮށްފައި ވެއެވެ.

އިޒްރޭލު ސިފައިންވަނީ އިޒްރޭލުގެ މައްޗަށްކުރާ މި ތުހުމަތުތައް ދޮގުކޮށްފައެވެ. މިގޮތުން އިޒްރޭލު ސިފައިން ބުނެފައިވަނީ، ރާމަﷲ ގެ އުތުރުގައި އިޒްރޭލު ސިފައިންގެ އުޅަނދުތަކަށް އަމާޒުކޮށް ފަލަސްތީނުގެ މީހުން ގާ އުކައިފައިވާ ކަމަށެވެ. އަދި މިކަން ހުއްޓުވުމަށް އިޒްރޭލް ސިފައިން މަސައްކަތް ކުރުމުން އެމީހުން ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިގޮތުން އިޒްރޭލް ސިފައިންގެ ވެހިކަލްތަކަށް ހަމަލާ ދިނުމަށްފަހު ފިލަން މަސައްކަތްކުރި އެކަކު ވެއްޓި ބޯ ޖެހުމުގެ ސަބަބުން ހޭނެތުނު ކަމަށާއި އިޒްރޭލު ސިފައިން ހަމަލާ ދީފައި ނުވާނެ ކަމަށް އިޒްރޭލް ސިފައިންވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ