ދުންފަތާއި ސިނގިރެޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ރުފިޔާތަކެއް މަގުމަތިން ފޭރެން އުޅުނު މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފޭރެން އުޅުނު ރުފިޔާ ތަކުގައި 4.5 މިލިއަން ރުފިޔާ ހިމެނެއެވެ.
ފޭރެން މަސައްކަތްކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާ ފޮށި ގެނައީ ކުޑަ ވޭނަކަށް އަރުވެގެންނެވެ. އަދި ވެހިކަލުގެ ދޮރު ހުޅުވާލުމާއެކު ސައިކަލުގައި އައި ހަތަރުމީހަކު ފައިބައިގެން ގޮސް އެމީހުނަށް ހަމަލާދޭ މަންޒަރުފެނެއެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން ތިބީ ހެލްމެޓްވެސް އަޅައިގެންނެވެ.
ބޭންކް އޮފް ސިލޯން އިމާރާތުން ނުކުތް ސެކިއުރިޓީގާޑު އެ މީހުން ހިފަހައްޓާ ފައިސާތައް ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި ރޫޓު ކުންފުނީގެ ޓީޝާޓެއް ލައިގެން ހުރި އެ ކުންފުނީގެ މުވައްޒަފެއްވެސް ފައިސާ ފޮށިގަނޑު ރައްކާތެރިކުރަން މަސައްކަތްކުރާ މަންޒަރުވެސް ފެނެއެވެ.
އެއާއެކު އެ މަގުން ސައިކަލެއްގައި ދިޔަ ބިދޭސީއަކަށް އެ މަންޒަރު ފެނި، އެ ފޭރެން އައި މީހުންގެ ފަހަތުން ދުއްވައިގަންނަ މަންޒަރުވެސް ފެނެއެވެ.
ރޫޓުގެ 4.5 މިލިއަން ރުފިޔާ ފޭރިގަންނަން ބަޔަކު އުޅެ ނާކާމިޔާބު!




