ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމަކާ ނުލައި ގދ. ނަޑެއްލާގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.
އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ކުރިއަށްގެންދާ ގދ. ނަޑެއްލާ އިންޖީނުގެ މިހާރު ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސަފައި ވަނީ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ބެހޭ ގަވާއިދާއި ޚިލާފަށް ކަމަށެވެ.
އެ މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި މަސައްކަތް ފަށާފައިވާކަން އެކުންފުނީގެ ފަރާތުން އީޕީއޭ އަށް ޔަޤީންކޮށްދެއްވާފައިވާތީ، (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު) ގެ ދަށުން (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާޢިދު 2012) ގެ 20 ވަނަ މާއްދާގެ (ހ) އަދި "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" ގެ ޖަދުވަލު 5 ރިޢާޔަތްކޮށް ޖުމްލަ 263,750.00 (ދެލައްކަ ފަސްދޮޅަސް ތިން ހާސް ހަތް ސަތޭކަ ފަންސާސް) ދިވެހިރުފިޔާއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ވަނީ 28 އޮކްޓޫބަރު 2020 ގައި ޖޫރިމަނާކުރެވިފައި ކަމަށް އީޕީއޭ އިން ވިދާޅުވިއެވެ.
އަދި މިޖޫރިމަނާ ފައިސާ އީޕީއޭ އަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށްވާނީ އެންގިފައި ކަމަށާއި ހަމައެހެންމެ، މިއީ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާޢިދު 2012' އާއި ޚިލާފުވެގެން މިއެޖެންސީއިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޖޫރިމަނާ ކުރާ 6 ވަނަ ފަހަރުކަމުގައިވެސް އީޕީއޭ އިން ވިދާޅުވިއެވެ.



