އަމިއްލަ ފަރުދެއްގެ ސައިކަލެއްގެ ރަޖިސްޓްރީ، ސައިކަލުގެ ވެރިފަރާތަށް ނޭނގި "ވަގަށް" އެހެން މީހެއްގެ ނަމަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ވެރިފަރާތަށް ނޭނގި އެހެން ފަރާތަކަށް ރަޖިސްޓަރީ ބަދަލުކޮށްފައިވަނީ 2008 ގައި ރާއްޖެ އެތެރެކޮށް "އޭ ޒޯނުގައި" ދުއްވާގޮތަށް 2012 ފެބުރުވަރީ 2 ވަނަ ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީކޮށް، މާލޭގައި ދުއްވަމުންއައި އެއާބްލޭޑް ސައިކަލެއްގެއެވެ.
މިނޫހަށް ލިބިފައިވާ ލިޔެކިއުންތަކުން އެނގޭ ގޮތުގައި، ތ.މަޑިފުށި ރައްޔިތެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މި ސައިކަލަށް މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ވަނީ ސައިކަލުގެ "އަސްލު ވެރިފަރާތުން" އަހަރީ ފީ ދައްކާފައެވެ. ނަމަވެސް އަހަރީ ފީގެ މުއްދަތު ހަމަވުމުން، ފީ ދައްކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރީޓީ (މީރާ) އަށް ވެރިފަރާތުން ދިއުމުން ބުނެފައިވަނީ، އެ ރަޖިސްޓަރީ ނަންބަރު އެހެން މީހެއްގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވި، އަހަރީ ފީ ދައްކަފައިވާ ކަމަށެވެ.
ސައިކަލެއްގެ ވެރިފަރާތަށް ނޭނގި، އެ ސައިކަލެއްގެ ރަޖިސްޓްރީ ނަންބަރު އެހެން ފަރާތެއްގެ ނަންމައްޗަށް ބަދަލުކެވޭނީ "ވަގަށެވެ."
Mi Rayyithu Meeha, ah gulheynee 745 4584 in. Ithuru thakuleefu nujassa mi massala hallu koh dhevvava! @ibusolih @FaisalNasym @MohamedNasheed @mvpeoplesmajlis @HassanAfeef13 @feshunonline@Mihaarunews
@raajjemv@Raajje_tv pic.twitter.com/7vQAIdZWhj— Ahmed Nashid (@nashid44482) October 30, 2020
އެހެންކަމުން މީރާގެ އިރުޝާދާއި އެއްގޮތަށް މި ސައިކަލުގެ ވެރިފަރާތުން ވަނީ މީގެ 3 މަސް ކުރިން މިކަން ހިނގާދިޔަގޮތް ބަލައި، ސައިކަލުގެ ރަޖިސްޓްރީ ވެރިފަރާތަށް ބަދަލުކޮށްދިނުމަށް ސިޓީއަކުން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައެވެ. ނަމަވެސް، ސިޓީއަށް ޖަވާބެއް ނުލިބި ތިންމަސްދުވަސް ވެފައިވާއިރު، ޖަވާބެއް ހޯދުމަށް އެ މިނިސްޓްރީއަށް 5 ފަހަރަށް ދިއުމުންވެސް އެ މިނިސްޓްރީން ބުނެފައިވަނީ އެކަން ކުރާ މުވައްޒަފު އެވަގުތު ނެތްކަމަށާއި، ފަހުން ޖަވާބެއް ދެނެ ކަމަށެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ހޯދުމަށް އެ މިނިސްޓްރީގެ އިސް ވެރިއަކަށް ގުޅުމުން ވިދާޅުވީ، މީޑިއާ އޮފިޝަލު މެދުވެރިކޮށް އެކަމަށް ބަހެއް ހޯދުމަށެވެ. އެހެންކަމުން މީޑިއާ އޮފިޝަލަށް ފޯނުން ގުޅައި މެސެޖުކޮށް ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
އާއްމު ފަރުދަކު ބުރަ މަސައްކަތުން ހޯދި ފައިސާއިން ގަނެ ދުއްވަމުން އައި ސައިކަލެއް، ވެރިފަރާތަށް އެނގުމެއްނެތި "ވަގަށް" އެހެން ފަރާތެއްގެ ނަންމައްޗަށް ރަޖިސްޓްރީ ބަދަލުވުމަކީ، ސަރުކާރު މުއައްސަސާތަކުގެ ތެރޭގައި ކަންކަން ހިނގަންޖެހޭ މަގުން ހިނގާނަމަ ވެގެންވާނެ ކަމެއް ނޫނެވެ.



