ޖަމީލް ނައިބު ރައީސް ކަމުން ވަކިކުރި މައްސަލައިގެ ޝަރީއަތް ތާވަލުކޮށްފި

ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ނައިބު ރައީސް ކަމުން ވަކިކުރި މައްސަލައިގެ ޝަރީއަތް ތާވަލުކޮށްފި އެވެ.

ސްޕްރީމް ކޯޓަށް ޑރ. ޖަމީލު ހުށައަޅުއްވާފައިވާ މި މައްސަލައިގެ އަޑު އެހުން ތާވަލު ކޮށްފައިވަނީ 2020 ނޮވެމްބަރ 19 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރަށެވެ.

ޖަމީލު ހުށައެޅުއްވި މިމައްސަލަ ސްޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވާއިރު މިވަގުތު ޖަމީލު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނު މަޤާމުން ދުރުކުރުމަށް ހުށައެޅުއްވި ޕީޕީއެމްގެ އިސް ބޭފުޅުންނާއި އެކުއެވެ. އަދި ޖަމީލަކީ މިހާރު ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައި ގަންނަވާ ބޭފުޅެކެވެ. މި މައްސަލަ ޖަމީލު ސްޕްރީމް ކޯޓަށް ހުށައަޅުއްވާފައިވަނީ 2019 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ.

ނައިބު ރައީސްކަމުގެ މަގާމުން މީހަކު ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދެވޭނެ ގޮތް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް ޖަމީލު މަގާމުން ވަކިކޮށްފައިވަނީ އެ ގޮތްތަކާ ހިލާފަށް ކަމަށާއި މިކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަވައިދެއްވުމަކީ ރައްޔިތުން އިންތިހާބުކުރާ ރައީސް އާއި ނައިބު ރައީސްއާ މެދު ގޮތް ނިންމުމުގެ ބާރު ހަމައެކަނި މަޖިލީހުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ރިޝްވަތުގެ ތެރެއަށް ނުދިޔުން ކަށަވަރުކުރުން ކަމަށްވެސް ޖަމީލު ވަނީ މައްސަލަ ހުށައެޅުއްވުމަށްފަހު ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބް ރައީސް ޑރ. ޖަމީލު ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ 2015 ޖުލައި 21 ވަނަ ދުވަހު ޖަމީލްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކޮށްފައެވެ.

ޖަމީލު މަގާމުން ދުރުކުރުމަށް 78 މެންބަރުން ވޯޓް ދެއްވި އިރު އެކަމާއި ދެކޮޅަށް ވޯޓް ދެއްވީ ދެ މެންބަރުންނެވެ.

މަގާމުން ވަކި ކުރެއްވި އިރު ޖަމީލު ހުންނެވީ އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް ނައިބު ރައީސަކު މިފަދަ ގޮތަކަށް މަގާމުން ދުރު ކުރި ފުރަތަމަ ފަހަރެވެ.

ޖަމީލު މަޤާމުން ދުރުކުރުމަށްފަހު ނައިބު ރައީސްގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ