ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތާއި އިސްތިގްލާލު ނަގާލަން މަސައްކަތް ކޮށްފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢިލްޔާސް ޙުސައިން ވިދާޅުވުމުން ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކަމަށް ރައްދު ދެއްވައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. ޝަހީމް މިކަމަށް ރައްދު ދެއްވަމުން ވިދާޅުވީ، ﷲ އަށް ބިރުވެތިވާށެވެ.
ޑރ. ޢިލްޔާސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ކިތަމެވަރަކަށް ފެތުރިޔަސް އޮޅުވާނުލެވޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތާއި އިސްތިގްލާލު ނަގާލަން މަސައްކަތް ކޮށްފާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ޔާ ﷲ މިލޮބުވެތި ވަތަން ހިމާޔަތް ކުރައްވާންދޭވެ." ޢިލްޔާސް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ވިދާޅުވީ، އެ ދުވަހުގެ ހަނދާންތައް އައުކުރަނީ، އެ ދުވަހާ ގުޅިފައިވާ ބަޠަލުންގެ މަތިވެރި ޤައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުންކަމަށާއި، އެ ހާދިސާއިން ޢިބްރަތް ޙާޞިލްކުރަމުން ކަމުގައެވެ. އަދި، އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވެ ވަޑައިގެންނެވި ސިފައިންގެ ބޭކަލުންނާއި ޢާންމު ރައްޔިތުންގެ ޤުރުބާނީއިން ދޭހަ ވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި ޤައުމާ މެދު އޮންނަ ޚާލިޞް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޮވެންބަރު 3 ގެ ޢުދުވާނު ނާކާމިޔާބު ކޮށްލުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ދިވެހި ދައުލަތަށް ލިބިގެން ދިޔަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، އެ ދުވަހުގެ އެ ޢުދުވާނާ ދެކޮޅަށް ޙަރަކާތްތެރިވި އެންމެހައި ޢާންމު ރައްޔިތުންނާއި، ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް އަވައްޓެރި އިންޑިޔާ ސަރުކާރުން ޢަސްކަރީ ގޮތުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވާފައެވެ.
އިދިކޮޅު ގިނަ ފަރާތްތަކެއް އަންނަނީ މި ސަރުކާރުން އަވައްޓެރި އިންޑިއާ އާއި އެކު ގުޅުން ބަދަހި ކުރަމުންދާތީވެ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން މި އިންޑިއާއިން އުޅުއްވަނީ ދިވެހިރާއްޖެ ހިފަން ކަމަށް ގިނަ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.