ރޫޓުގެ ފައިސާ ފޭރެން އުޅުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

2020 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި އިތުރު 3 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ވިދާޅުވީ ހައްޔަރުކުރީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއް ކަމަށެވެ. އަދި މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލައިގައި މީގެކުރިން ހައްޔަރުކުރި ހަތަރު މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. އެހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ،  ޢަބްދުﷲ ރާޝިދު (27އ) އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފޭރެން އުޅުނު ރުފިޔާ ތަކުގެ އަދަދު 4.5 މިލިއަން ރުފިޔާއަށް އަރައެވެ.

ފޭރެން މަސައްކަތްކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާ ފޮށި ގެނައީ ކުޑަ ވޭނަކަށް އަރުވެގެންނެވެ. އަދި ވެހިކަލުގެ ދޮރު ހުޅުވާލުމާއެކު ސައިކަލުގައި އައި ހަތަރުމީހަކު ފައިބައިގެން ގޮސް އެމީހުނަށް ހަމަލާދޭ މަންޒަރުފެނެއެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން ތިބީ ހެލްމެޓްވެސް އަޅައިގެންނެވެ.

ރޫޓުގެ ފައިސާ ފޭރެން އުޅުނުމުން ބޭންކް އޮފް ސިލޯން އިމާރާތުން ނުކުތް ސެކިއުރިޓީގާޑު އެ މީހުން ހިފަހައްޓާ ފައިސާތައް ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި ރޫޓު ކުންފުނީގެ ޓީޝާޓެއް ލައިގެން ހުރި އެ ކުންފުނީގެ މުވައްޒަފެއްވެސް ފައިސާ ފޮށިގަނޑު ރައްކާތެރިކުރަން މަސައްކަތްކުރާ މަންޒަރުވެސް ފެނެއެވެ.

އެއާއެކު އެ މަގުން ސައިކަލެއްގައި ދިޔަ ބިދޭސީއަކަށް އެ މަންޒަރު ފެނި، އެ ފޭރެން އައި މީހުންގެ ފަހަތުން ދުއްވައިގަންނަ މަންޒަރުވެސް ފެނެއެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ