އަމާޒަކީ 2023 ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކޮށް ނިންމުން: މިނިސްޓަރު

މި ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރި ފެނުގެ ނިޒާމަކާއި ނަރުދަމާގެ ނިޒާމެއް ޤާއިމުކޮށް ނިންމުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ފެނާއި ނަރުދަމާގެ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިމަސައްކަތް ކުރަން ނިންމާފައި ވަނީ ރައްޔިތުންގެ އަތްފޯރާފަދަ އަގެއްގައި ތިމާވެއްޓާއި ރައްޓެހި ގޮތެއްގެ މަތިންކަމަށެވެ.

މިއަދު އިފްތިތާހުކޮށްފައިވާ އެކްޝަން ޕްލޭން އަކީ ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން ރާއްޖޭގެ ފެނާއި ނަރުދަމާގެ ހިދުމަތް އިތުރަށް ތަރައްގީކޮށް އެ ދާއިރާއާ ގުޅުންހުރި ކަންތައްތައް ކުރިއެރުވުމަށްޓަކައި އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ.

އެ ޕްލޭން އެކުލަވާލުމުގައި ބަލާފައިވަނީ މައިގަނޑު ހަ ސިޔާސަތެއްގެ މައްޗަށެވެ. އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނެފައިވާގޮތުގައި އެ ހަ ސިޔާސަތުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ ހުރިހާ އެންމެނަކަށްވެސް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.

އޭގެއިތުރުން ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ އެންމެނަކީ އެކަމުގެ ލައިސެންސް ތިބި ބަޔަކަށް ހެދުމާއި ފެނާއި ނަރުދަމާ އާ ގުޅޭގޮތުން އާންމުން އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔުމަކީ ސިޔާސަތުގައި ހިމެނޭ ކަންތަކެވެ. އަދި ހިދުމަތް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރުންވެސް އެ ސިޔާސަތުގައިވެއެވެ.

މިނިސްޓަރު ވިދާޅުވީ ސުނާމީއަށް ފަހު ރާއްޖޭގެ ގުދުރަތީ ފެނުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް އައިސްފައިވާކަމަށާއި އެހެންކަމުން ދެމެހެއްޓެނިވި ގޮތުގައި ގުދުރަތީ ވަޞީލަތް ބޭނުންކުރުމަށް ރައްކާތެރި ގޮތެއްގެ މަތިން ފެން ބޭނުންކުރަންޖެހޭކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް 3 އަހަރުގެތެރޭގައި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 44 ރަށެއްގައި ފެނުގެ ރައްކާތެރި ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރިއަށްދާކަމަށާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް 53 ރަށުގައި ކުރިއަށްދާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ 180 އަށްވުރެ ގިނަ ރަށްރަށުގެ ތެރެއިން މިހާތަނަށް 69 ރަށުގައި ނަރުދަމާގެ ޚިދުމަތްވަނީ ޤާއިމުކޮށްފައެވެ. އަދި 42 ރަށުގައި ފެނުގެ ނިޒާމުވަނީ ޤާއިމުކޮށްފައެވެ.

"އަޅުގަނޑުމެން ބެލިއިރު ބައެއް ރަށްރަށުގައި އެބަހުރި ނަޖިސް ނައްތާލާ ޕްލާންޓްތައް ބަހައްޓާފައި އެކަމަކު އޭގެ ބޭނުންމެއް ނުކުރެވޭ. ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ އެބަ އަރާ މަހެއްގެ މައްޗަށް ކައުންސިލްތަކުން މިޕްލާންޓުތައް ހިންގުމަށް. އަޅުގަނޑުމެން މަސައްކަތް މިކުރަނީ އަގުހެޔޮކޮށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ޕްލާންޓްތައް ބަހައްޓައިގެން ފެނާ ނަރުދަމާ ޤާއިމުކުރުމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ