ސްރީލަންކާގެ ކަސްޓަމުން ހިފެހެއްޓުމާއިގުޅިގެން އެތެރެނުކުރެވި ހުރި މަހުގެ ޝިޕްމަންޓް ލާންކާއަށް އެތެރެކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ސްރީލަންކާ ސަރުކާރުން އެގައުމަށް މަސް އެތެރެކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ލަންކާއަށް އެތެރެ ނުކުރެވި، ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓް މިހާރު ލަންކާއަށް އެތެރެކޮށްފައިވާކަމަށެވެ.
ލަންކާގެ ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓްތައް އެގައުމަށް އެތެރެކުރެވިފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރ، ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހުގައި ކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ވިދާޅުވީ ރާއްޖޭގެ މަހުގެ އުފެއްދުންތައް، ލަންކާ ސަރުކާރުން ކުރިންވެސް ދީފައިވާ ޔަޤީންކަމާ އެއްގޮތަށް ލަންކާއަށް އެތެރެކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ލަންކާ ސަރުކާރާއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގެންދަވަނީ މަޝްވަރާ ކުރައްވަމުންކަމަށެވެ.
ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަމަށް މީޑިއާތަކުގައި ވަނީ ޚަބަރު ފެތުރިފައެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީލަންކާއަށް އެތެރެކުރެވޭނެކަމުގެ ޔަޤީންކަން ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވަނީ ދެއްވާފައެވެ.
ރާއްޖޭން އެތެރެކުރާ މަހުން ނަގާ ޑިޔުޓީ އެ ލަންކާއިން ބޮޑުކޮށްފައިވާއިރު، އެއީ އެގައުމުގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށް ކުރެއްވިކަމެއް ކަމަށް ލަންކާގެ ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.




