ތިލަދުންމަތީ އުތުރުބުރީ ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 864،414 (އައްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރު ސަތޭކަ ސާދަ) އަކަފޫޓުގެ ބިމާ އަދި އެބިމާގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް އެމިނިސްޓްރީއިން ނިންމާފައިވާކަމަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 17 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހު 10:00 އަށް އެ މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 25 ނޮވެންބަރު ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޓުއަރިޒަމް މިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، މެއިލް ކުރެއްވުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
22 ނޮވެންބަރު ވާ އާދީއްތަ ދުވަހުން ފެށިގެން ބީލަން ފޮތް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.




