ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙް ކުރައްވައިފިއެވެ.
މި މުބާރާތް އިފްތިތާޙް ކުރައްވާފައިވަނީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މުބާރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިންތިޒާމުކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބައިވެރިވެވޭނެ ގޮތަށް ވަރޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު އެ މިނިސްޓްރީއިން ވަނީ ހުޅުވައިލައްވާފައެވެ.
މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މި މުބާރާތް ވަރޗުއަލްކޮށް އިންތިޒާމުވެގެން ދިޔުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމެއްކަމަށާއި، ކޯވިޑް-19 ގެ ދަތި އަނދަގޫ ޙާލަތުގައި ވެސް މިފަދަ މުބާރާތެއް ރާވާ ހިންގުމަށް ކުރައްވަމުންދާ މަސައްކަތަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020 އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން #VirtualQuranCompetition2020#MVIaffairs pic.twitter.com/STeenkcaR6
— Ministry of Islamic Affairs (@MVIaffairs) November 16, 2020
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަންގެ ބުރާއި ފައިނަލް ބުރެވެ. އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި ރެކޯޑިންގް ހުށަހެޅުމުގެ މުއްދަތަކީ 2020 ނޮވެންބަރު 16 އިން ފެށިގެން ނޮވެމްބަރު 28 ގެ ނިޔަލަށެވެ. އޮޑިޝަންގެ ބުރުން ހޮވައިލެވޭ ފަރާތްތަކުން ފައިނަލް ބުރުގެ ރެކޯޑިންގްތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2020 ޑިސެންބަރު 13 އިން ފެށިގެން ޑިސެންބަރު 17 ގެ ނިޔަލަށެވެ.