ހޯރަފުށީ އެއަރޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
ހޯރަފުށީ އެއަރޕޯޓް ހިންގާ ރީޖަނަލް އެއްރޕޯޓްސް ކުންފުނިން ވަނީ މުވައްޒަފުން ބޭނުންވާ މަޤާމުތަކާއި، ޢަދަދުތައް ގެޒެޓްކޮށް، އެކަމަށް އެދޭ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލާފައެވެ.
އެ އެއަރޕޯޓަށް 12 ދާއިރާއަކުން 19 މީހުން ނެގުމަށް އިޢުލާންކޮށްފައިވާއިރު، މީގެތެރޭގައި ހިމެނެނީ ޑިރެކްޓަރ، އެޑްމިން، އެކައުންޓްސް، ޑްރައިވަރ، ފަޔަރ ފައިޓަރ އަދި މަސައްކަތު މީހުންފަދަ ދާއިރާތަކުންނެވެ. އަދި މި ވަޒީފާތަކަކީ ދާއިމީ ވަޒީފާތަކެއް ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މިކަމަށް އެދި ހުށައެޅޭނެ ސުންގަޑިއަކީ މިމަހުގެ 26 ވަނަ ދުވަހު، 14:00ގެ ކުރިން ރީޖަނަލް އެއަރޕޯޓްސްއަށެވެ. މި މަޤާމުތަކަށް މިހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. ހޯރަފުށީ އެއަރޕޯޓްގެ ޝެޑިއުލް ދަތުރުތައް ފެށުމުގެ ކުރިން، މިއަދުވަނީ ޓެސްޓް ފްލައިޓް ޖައްސާފައެވެ. އެއާރޕޯޓް މާދަމާ ރަސްމީކޮށް ހުޅުވާނެކަމަށް ޓްރާންސްޕޯޓް މިިނިސްޓްރީންވަނީ ވިދާޅުވެފައެވެ.
ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރިލްމަހު، އެރަށު ފަޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެއަރޕޯޓްގެ ހުރިހާ މަސައްކަތްތަކެއް ނިމި، މިމަހު ޝެޑިއުލް ދަތުރުތައް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާވެސް ވިދާޅުވެފައިވެއެވެ. ހޯރަފުށީ އެއަރޕޯޓަކީ ރާއްޖޭގެ އެންމެ އުތުރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓެވެ.




