ދަރަނީގެ ހިސާބުކިތާބު އެމްޑީޕީގެ އިސް ބޭފުޅުން އެނގިވަޑައިނުގަންނަވާ ކަމަށާއި ހިސާބު ކިޔަވަން ޕީޕީއެމްއާއި ޕީއެންސީގެ ބޭފުޅުންގެ ކައިރިއަށް ވަޑައިގަތުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވަލުވެހުރި އަދި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ އޮފީހުގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވީ، އަންނަ އަހަރަށް ސަރުކާރުން ހުށަހެޅުއްވި ބަޖެޓަކީ ތާކުންތާކު ނުޖެހޭ ބަޖެޓެއްކަމަށް ޚުދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިޢުތިރާފުވެވަޑައިގެންފައިވާކަމަށާއި، އަދި މިކަން ރައްޔިތުންނަށް އޮޅުވާލަން ހެއްދެވިހާ ދޮގެއްހަދަމުންކާމަށްވެސް އަދުރޭ ވިދާޅުވިއެވެ. ނަމަވެސް އެކަމެއް ނުވާނެކަމަށާއި، ރާއްޖޭގައި ބަޖެޓް ދަންނަ އެތަށް ރައްޔިތުންނެއް އެބަތިބިކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ބަޖެޓް ހަދާގޮތާއި، ބަޖެޓް ދެކޮޅު ޖައްސަން ޖެހޭގޮތާއި، ބަޖެޓްގެ ދަރަންޏާއި އަރަނި އެނގިވަޑައިގަންނަވާ ދިވެހި ރައްޔިތުން އެބަތިއްބެވި." އަދުރޭ ވިދާޅުވިއެވެ.
މީގެއިތުރުން ވިދާޅުވީ، ނުފޯރާފަތިން ފޫގަޅައިގެން މަގުމައްޗަށް ނުކުތީމާ ބަލަންތިބޭ މީހުން ޖެހޭނީ މޫނުގައި އަތްއަޅަންކަމަށެވެ.
އަދި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ތާކުންތާކު ނުޖެހޭ ބަޖެޓެއްކަމަށާއި، 34 ބިލިއަންގެ ބަޖެޓެއްގައި 33 ބިިލިއަން ޚަރަދު އޮތީމަ ދެން އެބަޖެޓް ދެކޮޅު ނުޖެހޭނެކަން އެންމެންނަށްވެސް އެނގޭނެކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ބަޖެޓުގައި 15 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަނި އޮތީމަ އެބަޖެޓަކީ ތާކުންތާކު ޖެހޭ ބަޖެޓަކަށް ނުވާނެކަމަށެވެ.
ބަޖެޓުން އެއްކަމެއްވެސް ވާކަށް ނެތްކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހުރީ އިޤްތިސާދާ ނުބައްދަލު މަޝްރޫޢުތަކެއްކަމަށް ޤަވަރުނަރުވެސް ވިދާޅުވެފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ދަރަނި އިތުރުކުރެއްވީ ރައީސް ޔާމީނުކަމަށް މިސަރުކާރުން ވިދާޅުވިނަމަވެސް، ޔާމީން ވެރިކަމާއި ޙަވާލުވިއިރު ރިޒާވްގައި ހުރީ 240 ޑޮލަރުކަމަށާއި ނަމަވެސް އެއަދަދު 900 އެތަށް މިލިއަން ޑޮލަރަކަށް ރައީސް ޔާމީން ގެންދެވިކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީނޭ ކިޔައިގެން މިސަރުކާރުން ދައްކާވާހަކަތަކުގެ ދެކޮޅު ނުޖެހޭކަމަށްވެސް ވިދާޅުވިއެވެ.
އަދި ހިސާބު ކިޔަވަން އިދިކޮޅު ކޯލިޝަންގެ މީހުންގެ ގާތަށް އަންނަން މިސަރުކާރުގެ އިސްވެރިންނަށް އަދުރޭ ގޮވާލިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ ގަމާރު ވެރިއަކު ނުދެކޭކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަރަންޏާއި ދަރަންޏާއި، ފައިދާ އާއި ގެއްލުމާއި ޕީޕީއެމް އާއި ރައީސް ޔާމީނަށް އެނގޭކަމަށާއި، އިޤްތިޞާދަކީ ކޯއްޗެއްކަން ނޭނގޭންޏާ ވެރިކަމުން ފައިބައިގެން ދިއުމަށްވެސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙަށް އަދުރޭވަނީ ގޮވާލާފައެވެ.
ބަޖެޓުގައި ހުރީ އިގްތިސާދާ ނުބައްދަލު މަޝްރޫއުތަކެއް، ހުއްޓާލުން ގާތް: ގަވަރުނަރު



