ނިމިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ 135 މައްސަލަ ހުށަހެޅިފައިވާކަމަށް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި، މި ބާވަތުގެ 43 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 38 މައްސަލަ ހުށަހެޅިފައިވާއިރު، ޖިސްމާނީ ހާނިއްކައިގެ 24 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 4 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ އަދި އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ ހިމެނޭކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 12 މައްސަލައެއް ހުށަހަޅައިފައިވާއިރު، މީގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ. އަދި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 2 މައްސަލަ ހުށަހެޅުނުއިރު، މީގެ ތެރޭގައި ހިމެނެނީ އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ 1 މައްސަލަ އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 1 މައްސަލަ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ކުދަކުދިންނަށް އެކި ބާވަތުގެ އަނިޔާކުރުމުގެ މައްސަލަތަކުގެ އިތުރުން އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 9 މައްސަލަ އޮކްޓޫބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިފައިވާއިރު، އޭގެތެރޭގައި ވައްކަންކުރުމާ ގުޅޭ 2 މައްސަލަވެސް ހިމެނެއެވެ.