އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަމުގެ މަޤާމުން އިސްތިޢުފާ މަޤާމުން އެކޮމިޝަނުގެ ނައިބް ރައީސް އަޙްމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެން، ހުސްވެފައިވާ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށް އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދުން ފެށިގެން ހުޅުވައިލައްވައިފިއެވެ.
އެ ގޮތުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2020 ނޮވެންބަރު 30، ޑިސެންބަރު 1 އަދި 2 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އާ ދެމެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
އެކޮމިޝަނުގެ ނައިބް ރައީސް އަޙްމަދު އަކްރަމް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމުން އިސްތިއުފާދެއްވާފައިވަނީ، ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހްމަދު އަކްރަމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 7 މެންބަރުންގެ ވޯޓުން ފާސްކުރުމާއި ގުޅިގެންނެވެ.
އެގޮތުން އަކްރަމް ބަޔާނެއްގައިވަނީ އިސްތިޢުފާދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީކަމަށެވެ.




