2019 ޖޫން 4 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތުގައި 52 އަހަރުގެ އަންހެން މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ އެއްވެސް ކުށެއް ކޮށްގެން ނޫންކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން މިކަން ހާމަކޮށްފައިވަނީ މިރޭ ނެރުއްވި ނޫސްބަޔާނެއްގައެވެ.
ކްރިމިނަލް ކޯޓުން ވިދާޅުވީ، ޖޫން 4 ވަނަ ދުވަހުގެ މެންދުރު 13:00 ގައި 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނެއްގެ ބަންދުގެ މުއްދަތާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އެ ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
"މިދެމީހުންގެ ބަންދާ ގުޅޭގޮތުން ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، 52 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ އެއްވެސް ތުހުމަތެއް އޮވެގެން ނޫންކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ދަރިފުޅު މަސްތުވާތަކެއްޗަށް ޒިންމާ ނަގާފައި ނުވާތީކަމަށް ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވޭ." ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކްރިމިނަލް ކޯޓުން ވިދާޅުވީ، އެމީހާގެ ހައްޔަރާބެހޭ މަޢުލޫމާތު ފޯމަށް ބެލިއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމުންވެސް އެކަން އިތުރަށް ކޯޓަށް ސާބިތުވެފައިވާ ކަމަށެވެ.
"އެމީހާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ބެލެވޭ ބެންޒޯއަށް ޕޮޒިޓިވްވެފައިވަނީ އޭނާއަކީ ނަފްސާނީ ބައްޔަށް ބޭސްކާ މީހަކަށްވާތީ ކަމަށާއި، އޭނާގެ ކުޑަކަމުދާ ތަކެތި ޕޮޒިޓިވްވެފައިވާ ބާވަތަކީ ބޭހެއް ކަމަށާއި، އެކަމާ ގުޅޭ ލިޔުންތައްވެސް ހުރިކަމަށް ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވޭ." ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކްރިމިނަލް ކޯޓުން އިތުރަށް ވިދާޅުވީ، ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 52 އަހަރުގެ އަންހެން މީހާ ދޫކޮށްލާފައިވަނީ ފުލުހުން ޝަރީއަތަށް ދީފައިވާ މަޢުލޫމާތުގެ މައްޗަށް ކަމަށެވެ.