"ޢަސްކަރިއްޔާގެ ބޭނުމަކީ ލޭއޮހޮރުވުންތަކުން ދުރުވެ، އަމާންކަން ދެމެހެއްޓުން"

ޢަސްކަރިއްޔާއެއް އޮތުމުގެ ޙަޤީޤީ ބޭނުމަކީ، ހަނގުރާމަތަކާއި ލޭއޮހޮރުވުންތަކުން ދުރުވެ، ޞުލްޙަ ޤާއިމްކުރުމާއި އަމާންކަން ދެމެހެއްޓުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ބަޑި ހަވާލު ކުރުމާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަސްކަރީ ޤާބިލުކަން އިތުރުކުރަން ޖެހެނީ ޞުލްޙަ ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައިލުމަށްކަމުގައި ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަފާތު ބާވަތްތަކުގެ ނިރުބަވެރިކަމުގެ ޢަމަލުތައްކަމުގައެވެ. އަދި، ސިފައިން ޙާޞިލްކުރި ޢިލްމާއި ހޯދި ތަމްރީނަކީ، ނިރުބަވެރިކަން ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ޞުލްޙަވެރި މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހިކުރާނެ ޢިލްމާއި ތަމްރީންތަކެއްކަމުގައި އެ މަނިކުފާނު ދެކިވަޑައިގަންނަވާ ކަމުގައެވެ.

އަދި، ސިފައިންގެ ޚިދުމަތަކީ ޢަސްކަރީ ޚިދުމަތެއްކަމުގައި ވީ ނަމަވެސް، ސިފައިންގެ ޚިދުމަތަކީ މަދަނީ އަދި އިޖްތިމާޢީ ވާޖިބުތަކެއް ވެސް ލާމެހިފައިވާ ޚިދުމަތެއްކަމާއި، ކާރިސާއެއް ދިމާވާ ޙާލަތުގައި އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއް ބަޔަކީ ދިވެހި ސިފައިންކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެހައި ސިފައިންނަށް ދިވެހި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ