ހުޅުމާލެ - ފޮޓޯ: ފެށުން

ހުޅުމާލެ ކޯޓުގެ އަމުރު ޞައްހައެއް ނޫން، ފުލުހުން އިޖުރާއަތު ފުރިހަމައެއް ނުކުރޭ - ކްރިމިނަލް ކޯޓް

ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި 25 އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރުމަށް ފުލުހުން ހޯދިކަމަށްބުނާ ހުޅުމާލެ ކޯޓުގެ ކޯޓު އަމުރު ޞައްހަ ނޫން ކަމަށާއި، ފުލުހުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ދެވަނަ ފަހަރަށް ހުށަހެޅީވެސް އިޖުރާއަތު ފުރިހަމަ ނުކޮށް ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން މިކަން ހާމަކުރައްވާފައިވަނީ، ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެމީހުން ދޫކޮށްލުމާ ގުޅޭގޮތުން ފެތުރެމުންދާ ދޮގު ޚަބަރުތަކާ ގުޅިގެން ކްރިމިނަލް ކޯޓުން މިރޭ ނެރުއްވި ނޫސްބަޔާނުގައެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ، 25 އަހަރުގެ މީހާ ހައްޔަރުކުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ކަމަށްބުނެ ފުލުހުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހުޅުމާލެ ކޯޓުގެ ތައްގަނޑު ޖަހާފައިވާ އަމުރެއް ހުށަހަޅާފައިވީ ނަމަވެސް، އެމިހާ ހައްޔަރުކުރަން އަދި ގެ ބަލާ ފާސްކުރަން ނެރުނުކަމަށްބުނާ ދެ އަމުރުގައިވެސް އަމުރު ނެރުނު ފަނޑިޔާރުގެ ނަންފުޅު ނެތެތީވެ އެއީ ފަނޑިޔާރަކު ނެރުނު އަމުރެއްކަން އެނގެން ނެތް ކަމަށެވެ.

"ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރަށާއި، އެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރަށް ބެލުމުން، ކޯޓުން ނެރޭ ހައްޔަރު އަމުރުތަކާއި ބަލާ ފާސްކުރުމުގެ އަމުރުތަކުގައިވެސް އަމުރު ނެރޭ ފަނޑިޔާރުގެ ނަން އޮތުން ލާޒިމްކޮށްފައިވާކަން އެނގެން އޮންނައިރު، ފުލުހުން ހުށަހެޅި ދެ އަމުރަކީވެސް ޤާނޫނާ ޚިލާފަށް އޮތް ދެ އަމުރުކަމީ އެއްވެސް ޤާނޫނީ ބަހުސެއް އޮތްކަމެއް ނޫނެވެ." ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ، ހައްޔަރުކުރުމާއި ބަލާފާސްކުރުމުގެ ޤާނޫނާ ޚިލާފަށް ހިންގާފައިވާ ފެށުމެއްގެ މައްޗަށް އެއްވެސް ތުހުމަތަކާ ގުޅިގެން އެކަކުގެ ވިޔަސް ބަންދު އިތުރުކުރުމަކީ ޤާނޫނު އަސާސީއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ހައްދަކުރާ މެއް ނޫން ކަމަށެވެ.

"ޤާނޫނާ ޚިލާފަށް އެދެފަރާތް ބަންދުކޮށްފައިވާތީ، ކްރިމިނަލް ކޯޓުން އެ ދެމީހުން މިނިވަން ކުރުމަށް ކުރި އަމުރު އިސްތިއުނާފުކުރުމުގެ ބަދަލުގައި، ހުޅުމާލެ ކޯޓުން އައު ހައްޔަރު އަމުރުތަކެއް ނަގައި އެދެފަރާތް ހައްޔަރުކޮށްފައި އޮންނަ އޮތުމާއި، އަދި ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެކޯޓުންވެސް އެދެފަރާތް ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ބަންދަށް އެދުމުގައި ފުރިހަމަވާންޖެހޭ އިޖުރާއަތު ފުރިހަމަކޮށްފައި ނުވާތީ..." ކްރިމިނަލް ކޯޓުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި ދެމީހުން ހައްޔަރުކުރުމާއި ކޯޓުން ތަކުރާރުކޮށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފުލުހުންނާއި ކޯޓުތަކަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ