ކުށްމަދު އަމާން މާހައުލެއް ޤާއިމުކޮށް ފުރާވަރު އުމުރުގެ ކުދިންނާއި ޒުވާނުންނާއި ދޮށީ އުމުރުގެ މީހުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. ވިލުފުށީގައި މަސައްކަތްކުރާ ފުލުހުން އެރަށުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
“ވެށީގެ އަމާންކަން – ފަރުދީ ޒިންމާ” ގެ ނަމުގައި ޑިސެމްބަރު 3 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގައި ރައްޔިތުން އާންމުކޮށް އެއްވެއުޅޭ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން ރަށުތެރޭގައި އާންމުވެފައިވާ ކުށްތަކާއި އެކުށްތަކާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަލައި، ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ކުށްކުރުމަށް އޮތް ފުރުސަތު ނައްތާލުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވެފައިވާ މިންވަރާއި، ބެންކް އޮފް މޯލްޑިވްސްގެ ނަމުގައި ގުޅައި ކޭޝްކާޑުގެ މަޢުލޫމާތު ހޯދުމާއި، އެކިއެކި ޕްރޮމޯޝަންތަކުގައި ބައިވެރިވެވިފައިވާ ކަމަށްބުނެ ބޮޑެތި ކުންފުނިތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކާއި ރީލޯޑް އަދި ރާސްޓަސް ކުރުމުގެ މައްސަލަތައް ހުއްޓުވައި، މިފަދަ ކަންކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސް ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން މިފަދަ ކަންކަން ހައްލުކުރުމަށް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަމާއި އަހަރުގެ ބޮޑު ބަންދާ ދިމާކޮށް ރަށަށް ގިނަ ބަޔަކު ޒިޔާރަތް ކުރަމުންދާތީ އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައުމުގެ އިތުރުން ރައްޔިތުން އެހެން ރަށްތަކަށް ފުރައިގެން ދިޔުމުގެ ކުރިން ގޯތިގެދޮރު ރަނގަޅަށް ތަޅުލެވިފައިތޯ ބެލުމާއި، ގިނަ އަދަދެއްގެ ފައިސާ ގޭތެރޭގައި ނުބެހެއްޓުމަށް އިލްތިމާސްކޮށްފައިވެއެވެ.
ތ. ވިލުފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ރަށުގެ ގިނަ ރައްޔިތުންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
"ވެށީގެ އަމާންކަން – ފަރުދީ ޒިންމާ" ގެ ނަމުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި



