ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފައިސާތަކަކާއި މޯބައިލް ފޯނެއް ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާ އަދި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށެވެ އަދި އެ ތަކެތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީކަމަށެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
- ޑިސެމްބަރު 3 ވަނަ ދުވަހު އައިޖީއެމްއެޗް ކައިރިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 150 ރުފިޔާ. އިންސިޑެންޓް ނަންބަރު 472049
- ޑިސެމްބަރު 4 ވަނަ ދުވަހު ބޮޑުރަސްގެފާނު މަގު، ރައުންޑް ވަން ބުކްޝޮޕް ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުންފެނިފައިވާ ކޫލް ޕެޑް ބްރޭންޑްގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 472082
- ޑިސެމްބަރު 6 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ޑޮލަރު އޭޓީއެމް ތެރެއިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 1000 ރުފިޔާ. އިންސިޑެންޓް ނަންބަރު 472224
ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު ވިދާޅުވެދެއްވުމަށްފަހު ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޞިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުންވަނީ އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.



