”އަމާން މުޖުތަމައަކަށް އާއިލީ ގުޅުން” ގެ ނަމުގައި ތ. މަޑިފުށީގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު މަޑިފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ މަޑިފުށީގެ އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި އެކުވެރިކަމާއެކު އަމާން މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެގޮތުން އާއިލާތަކާ ބައްދަލުކޮށް އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިވެ އާއިލާތެރޭގައި ދިމާވާ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރުމުގެ އާދަ ގެންގުޅުމަށާއި، އާއިލާތެރޭގައި ސުލްހަވެރިކަމާއެކު ކަންކަން ކުރުމަށް އިރުޝާދުދީ ނަސޭހަތްތެރިވެފައިވެއެވެ. އަދި އާއިލާތެރޭގައި އެކަކުއަނެކަށް އިހުތިރާމް ކުރުމަށާއި، އެކަކުއަނެކަކުގެ އަގުވަޒަން ކުރުމުގެ އިތުރުން ދޭދޭ ކުދިންގެ މެދުގައި ދިމާވާ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމާއި އަމާން މުޖުތަމައަކަށް ހެދުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ބުނެދީފައިވެއެވެ.
އޭގެ އިތުރުން، ތަހުޒީބީ މުޖުތަމައެއް ބިނާކޮށް އެންމެންނަކީވެސް އެމީހެއްގެ އާއިލާތެރޭގައި ލޯތްބާއި އަޅާލުން ލިބޭ މީހަކަށް ހެދުމާއި ގަދަރުވެރި ދިރިއުޅުމެއް އުޅެވޭނެ މީހަކަށްވުމަށް މަސައްކަތްކުރުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން ކަންތައްތަކާ ދޭތެރޭ ތިމާ ދެކޭގޮތާއި ގަބޫލުކުރާ މިންގަނޑުތަކަކީ އެ އުޅޭ މާހައުލަކަށް ވަރަށް މުހިންމު ކަމެއްކަމާއި އެންމެން ހަމަހަމަކަމާއެކު އުޅެން ދަސްވާނީ މައިންބަފައިންނާއި އާއިލާއާއި ތިމާގެ ވަށައިގެންވާ މާހައުލާ އޮންނަ ގުޅުން ހަރުދަނާވެގެން ކަމުގައި ބުނެދީފައިވެއެވެ.



