ރާއްޖެއާއި ޗައިނާއާ ދެމެދު ޑިރެކްޓަރ-ޖެނެރަލް ލެވެލްގެ މަޝްވަރާތަކެއް ޑިސެމްބަރު 10 ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އޭޝިއަން އެފެއަރޒް ޑިޕާޓްމަންޓް) މރ ޗެންގް ސޮންގް ކަމަށެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ، ކޮވިޑް-19 އާއި ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުންކަމަށައި އެގޮތުން ކޮވިޑް-19 ގެ ސަބަބުން ލިބިފައިވާ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ފަތުރުވެރިކަން ކުރިއެރުވުން އަދި ބައިނަލްއަޤްވާމީ ދަތުރުފަތުރާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. ދެޤައުމު ގުޅިގެން މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރަން ވަނީ ނިންމަވާފައެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19 އިން އަރައިގަތުމަށް މަސައްކަތް ކުރެވޭ މި ދަނޑިވަޅުގައި ތަރައްޤީގެ ބައިވެރިންނާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށެވެ. ޤައުމުގެ އިޤްތިޞާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި މިމަޝްވަރާތައް އިސް ދައުރެއް އަދާކުރެއެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަކުރުމަށް މަސައްކަތްކުރާއިރު، ޗައިނާއަކީ ކޮވިޑް-19ގެ ޙާލަތުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ޗައިނާއަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން އެއް ޤައުމުކަމަށާއި އެކި ދާއިރާރަކުން ޗައިނާއިން ދަނީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖެއާ ޗައިނާ އާ ދެމެދު ހުއްޓުމެއް ނެތި މަޝްވަރާތައް ކުރިއަށްދާއިރު، ޑިރެކްޓަރ-ޖެނެރަލް ލެވެލްގައި މިދިޔަ ޖުލައި މަހުވެސް މަޝްވަރާތައް ބާއްވާފައިވެއެވެ.