މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީ ޑްރައިވަރުންނަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ގޮތުން ޓްރެފިކް މެނޭޖްމަންޓުން ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މި ޕްރޮގްރާމަކީ ދިވެހި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެއްކަމަށެވެ. އެގޮތުން މި ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ތާޖުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ސެޝަނުގައި މައުލޫމާތު ދީފައިވަނީ ހެޕީ މާކެޓުގައި މަސައްކަތްކުރާ ޑްރައިވަރުންނަށެވެ.
މި ސެޝަނުގައި، މަގު ބޭނުންކުރަންޖެހޭ ހަމަތަކާއި،ގާނޫނާ އެއްގޮތަށް މުދާ އުފުލާނެ ގޮތާއި، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނުގައި ކަނޑައެޅިފައިވާ އަދަބުތަކުގެ އިތުރުން ޑްރައިވަރުންގެ ފަރާތުން ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލު ކުރުމަށް ކުރެވޭނެ ކަންކަން ބުނެދީފައިވެއެވެ.
މި ޕްރޮގްރާމުގައި، ހެޕީމާކެޓުގައި މަސައްކަތްކުރާ 63 ޑްރައިވަރުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގެ އިތުރު ސެޝަންތައް އިތުރު ކުންފުނިތަކުގެ ބިދޭސީ ޑްރައިވަރުންނަށް ގެންދިއުމަށް ހަމަޖެހިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.