މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމުގެ މަޤާމަށް ސަންގް ޓީވީގެ ޝަހުބާން ފަހުމީ އަދި ނައިބު ރައީސްގެ މަގާމަށް ތިލަދުންގެ ޙުސައިން ޘަޤީފް އިންތިޚާބު ކޮށްފިއެވެ.
ރައީސް އަދި ނައިބު ރައީސްގެ މަގާމަށް އިންތިޚާބު ކުރުމަށް ވޯޓު ނަގާފައިވަނީ މިއަދު ހެނދުނު 11 ޖަހާއިރުއެވެ.
ރައީސް ކަމުގެ މަގާމު ސަންގް ޓީވީގެ ޝަހުބާން ފަހުމީ ކާމިޔާބުކޮށްފައިވަނީ އެ މަގާމަށް ކުރިމަތިލެއްވި ޢަލީ ޙުސައިނާއި، މުހައްމަދު ޝަފާއު ހަސަން އާއި ވާދަކުރައްވައިގެންނެވެ.
ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލާފައިވަނީ ތިލަދުންގެ ޘަޤީފު އެކަނިކަމުން، އޭނާ އެމަގާމު ކާމިޔާބުކޮށްފައިވަނީ އޭނާ އިންތިޚާބު ކުރަން ނެގުނު ފެންނަ ނުފެންނަ ވޯޓުން އޭނާއަށް ފެންނަ ކަމަށް އެމްއެމްސީގެ 14 މެންބަރުންގެ ވޯޓު ލިބުމުންނެވެ.
އެމްއެމްސީގައި ތިއްބަވަނީ މީޑިއާއިން އިންތިހާބުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރަކު ހިމެނޭ ގޮތަށް ޖުމްލަ 15 މެންބަރުންނެވެ. އަދި މި އިންތިޚާބުގައި ވޯޓު ދެވެނީ އެމްއެމްސީގައި ހިމެނޭ މެންބަރުންނަށެވެ.




