ހުޅުމާލޭގެ ގޮނޑުދޮއްތައް މިރޭވެސް ރެދަނުން ދިއްލާލައިފިއެވެ.
ހުޅުމާލެ ގޮނޑުދޮށަށް ރެދަންލާފައިވާ މި ރީތި ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދަޢުރުވަމުންނެވެ.
ހުޅުމާލެ ގޮނޑުދޮށުގައި ރެދަންލާފައިވާ މަންޒަރު ބަލާލުމަށްޓަކައި އެ ސަރަހައްދަށް ވަނީ ވަރަށް ގިނަ މީހުން ގޮސްފައެވެ. ޚާއްސަކޮށް މާލެއިންވެސް ވަނީ މި މަންޒަރު ބަލާލުމަށްޓަކައި ގިނަ ބަޔަކު ހުޅުމާލެއަށް ގޮސްފައެވެ.

ރެދަން ލާފައިވާ މަންޒަރަކީ ވަރަށް ރީތި މަންޒަރެކެވެ. ނަމަވެސް މި މަންޒަރު އިންސާނުންނަށް އަސްލު ފެންނަނީ ވަރަށް މަދު ފަހަރަކުއެވެ.
ރާއްޖޭގެ ބައެއް ރަށްތަކަކީ ރެދަން ލުމުގައި މަޝްހޫރުވެފައިވާ ރަށްތައްކަމަށްވިޔަސް، ރާއްޖޭގެ ގިނަ ރައްތަކުގައި މި ގޮތަށް ރެދަނެއް ނުލައެވެ. އެހެން ކަމުން ހަމަ ލޮލަށް ރެދަން ލާފައިވާ މަންޒަރު ނުފެންނަ އެތައް ބަޔަކު ރާއްޖޭގައިވެސް ތިބޭނެއެވެ.
ގިނަ ބަޔަކަށް ލިބެނޭ މިފަދަ މަންޒަރުތަކުގެ ފޮޓޯތައް ބަލާލުމުގެ ނަސީބެވެ.

މާލެ ސަރަހައްދުގައިވެސް މި ގޮތަށް ރެދަން ލުމަކީ މާއާންމު ކަމެއް ނޫނެނެވެ. އެހެން ކަމުން މި މަންޒަރު ވެގެން ގޮސްފައިވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކަށް ވަރަށް އަޖާއިބު ކުރުވަނިވި މަންޒަރަކަށެވެ.
ރެދަން ލުމުގައި ރާއްޖެގައި މަޝްހޫރު ރަށެއްކަމުގައިވާ ރ. ވާދޫ ގޮނޑުދޮށުގައި ރެދަންލާފައިވާ މިފަދަ ރީތި މަންޒަރުތައް މީގެ ކުރިން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ.